ޚަބަރު

ރައްކާތެރިވޭ! ފަރުވާކުޑަކަމުން ކުރެވޭ ކަންކަން އިސްލާހުކުރުމަށް ދެވަނަ ފުރުޞަތެއް ނުލިބިދާނެ: ރައީސް


  • ޓްރެފިކް މައްސަލަތައް މަދުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި

  • މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެކުގައި މަސައްކަތް ކުރުމަށް މުހިންމުކަމަށް ވިދާޅުވި

ފަރުވާކުޑަކަމުން ކުރެވޭ ކަންކަން ރަނގަޅުކޮށް އިސްލާހުވުމަށް ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކާއި ގުޅޭގޮތުން، އެނިމޭޓަރ ޔާމިން ރަޝީދު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ ލިޔުއްވި މެސެޖެއްގައެވެ.

މިވީޑިއޯއަކީ މަޝްހޫރު އެނިމޭޓަރ ޔާމިން ރަޝީދު އަދި ސެލްމިން އެނިމޭޝަން ސްޓޫޑިއޯ ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

2މިނެޓު 13 ސިކުންތުގެ މި ވީޑިއޯއިން ބުނެދެނީ ރާއްޖޭގައި މިހާރު އާއްމުވަމުންދާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައާއި ގުޅޭ ފުރިހަމަ މެސެޖެކެވެ.

ވީޑިއޯއިން ފެންނަނީ މައިންބަފައިންނާ ވަކިން ދިރިއުޅޭ ފިރިހެން ދަރިފުޅަށް އޭނާގެ ބައްޕަ ހަދިޔާއެއް ދޭން ދާ މަންޒަރެވެ. ގެއިން ނިކުމެ ސައިކަލަށް އަރައިގެން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައި މަގުން ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރަކުން ޖެހި އެކްސިޑެންޓްވެ އުމުރަށް ދުނިޔެއާ އަލްވަދާއު ކިޔަންޖެހޭ މަންޒަރެވެ. އެ ވީޑިއޯގައި ސައިކަލުދުއްވަން އިން މީހާގެ ގައިގައި ޖެހުނު ކާރު ދުއްވަން އިނީ ބައްޕަ އެކުއްޖަކަށް ދޭން ހަދިޔަ ހިފައިގެންދިޔަ އޭނާގެ ފިރިހެން ދަރިފުޅެވެ. ވަގުތު ފާއިތުވީމަ އެކަމާ އެ ދަރިފުޅު އިންތިހާއަށް ރޮވެ ހިތާމަކުރާ މަންޒަރު މިވީޑިއޯއިން ފެނިގެންދެއެވެ.

މިއިން ބުނެދެނީ ކޮންމެ ފުރާނައެއްގެ އަގުބޮޑުކަމާއި، މަގުމަތި ބޭނުންކުރާ މީހުންގެ ފުރާނައަށް ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭކަމެވެ.

"ލައިފް އިޒް ޕްރެޝަސް، ޑްރައިވް ސޭފް"ގެ ނަމުގައި މިފަދަ މުހިންމު މެސެޖެއް މުޖުތަމަޢަށް ދޫކޮށްލުމަށް ޔާމިން ރަޝީދު ކުރައްވާފައިވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްވަނީ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެ އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ފަރުވާކުޑަކަމުން ގޯސްކޮށް ކުރާ ކަންކަން، ރަނގަޅުކުރަން ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މަގުމަތީގެ އަދި ޓްރެފިކް ޤަވާއިދުތަކަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ދާދިފަހުންވެސް ވަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައެވެ. އަދި ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ހިތާމައާއި އެތައް އާއިލާއަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. މިއީ ކޮންމެވެސް މީހެއްގެ ދަރިއެއް، އެއްބަނޑު މީހެއް ނޫނީ ބައްޕަ/މަންމައެވެ.

ގަވައިދާ ޚިލާފައި އުޅަނދުތައް ގެންގުޅުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އަދި އަޑުގަދަކޮށް އުޅަނދު ދުއްވުން ދަނީ އިތުރުވަމުންނެވެ.

މި ކުޑަ މުޖުތަމަޢުގައި މިފަދަ މައްސަލަތައް އިތުރުވިޔަނުދީ، ޓްރެފިކް މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ޤާނޫނާއި ޤަވާއިދުތައް ހަރުދަނާކަންމަތީ ތަންފީޒުކުރުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.

މިއާއި ގުޅިގެން މަގުތައް ޕެޓްރޯލްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް ފުލުހުން ވަނީ ހަރުދަނާކޮށްފައެވެ. އަދި މަގުތަކުގައި ނުގަވާއިދުން ބޭނުންކުރާ އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއާި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެންވެސް ވަނީ މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ.