ޚަބަރު

155 ހައުސިންގ ޔުނިޓް އެޅުމަށް 2 ކުންފުންޏަކާއި ހަވާލުކުރައްވައިފި


ހުޅުމާލޭގައި 155 ހައުސިންގ ޔުނިޓް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން 2 ކުންފުންޏަކާއި ހަވާލުކުރައްވައިފިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 155 މިކްސް ޔޫސް ރެސިޑެންޝަލް ޔުނިޓްތަކުގެ ތެރެއިން 97 ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކުރައްވާފައިވަނީ އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމްޓެޑާއެވެ. އެކުންފުންނާއި މިމަސައްކަތް ހަވާލުކުރައްވާފައިވަނީ 26 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ ކޮންޓްރެކްޓުގައި އެޗްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ސޮއިކުރެއްވިއިރު، އެޕޯލޯ ހޯލްޑިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ މުހައްމަދު ވަހީދުއެވެ.

155 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ 58 ޔުނިޓް ހަވާލުކުރައްވާފައިވަނީ ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއިވެސް މަސައްކަތް ހަވާލުކުރައްވާފައިވަނީ 26 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެޗްޑީސީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހައުސިންގ ޔުނިޓް އެޅުމުގެ އިތުރު އެއްބަސްވުންތައް ޤާއިމްކުރެވިގެންދާނޭކަމަށެވެ.