ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭންގެ ސަބަބުން މުހިންމު މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެ: ހީނާ


  • މިފަދަ ޕްލޭނަކީ ރައްޔިތުން ބޭނުންވާ މުހިންމު މަސައްކަތެއްކަން ސަރުކާރުން ފާހަގަކުރައްވާ

  • ޕްލޭން ހަދަނީ 20 އަހަރަށް

  • 1 އަހަރުން ޕްލޭން ނިންމާނެ

ސަރުކާރު ބަދަލުވިނަމަވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގާ ބޮޑެތި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން، "ޤައުމީ ތަރައްޤީގެ ޕްލޭން"އާއެކު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެއްޓެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވުމާ ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް ދިގުރާސްތާ ތަރައްޤީގެ ޕްލޭނެއް ބޭނުންވާކަން ރިޔާސީ ކެމްޕެއިނާއި ރައީސްގެ ދަތުރުފުޅުތަކުގެ ތެރެއިން ބައްދަލުވާ އެކި ފަރާތްތަކުންވެސް ފާހަގަކުރެއްވިކަމަށެވެ.

ރައީސްގެ ނިންމެވުމާ އެއްގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭން 1 އަހަރުން ނިންމަވާނޭކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ތަޖުރިބާކާރުންނާއެކު ފުޅާ ދާއިރާއެއްގައި މިކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާނެކަމަށެވެ.

"ކޮންމެ ސަރުކާރެއް އަންނަނީ ޤައުމުގެ ތަރައްޤީއަށް ވަރަށް ގިނަ ވަޢުދާ އެކީގަ. ސަރުކާރު ނިމި އަނެއް ސަރުކާރަށް ބަދަލުވާއިރު އަނެއްކާ ގިނަ ބަދަލުތަކެއް އެބަ ގެނޭ. އޭގެ ގެއްލުމާ ކުރިމަތިވަނީ ރައްޔިތު މީހާއަށް. އެހެންވީމަ ދެމެހެއްޓެނިވިގޮތުގައި ތަރައްޤީ ގެންނަން މި ޕްލޭން ވަރަށް މުހިންމު." ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތުގައި އިދިކޮޅު ސިޔާސި ޕާޓީތަކުގެ ޚިޔާލު ހުރިނެތްގޮތްވެސް ބައްލަވާނޭކަމަށެވެ. އަދި 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ޑިމޮކްރަސީގެ ވަރަށް ފުރިހަމަ މިސާލެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ސަރުކާރުން ނިންމަވާފައިވަނީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭނަށް އެކުލަވާލުމަށެވެ.