ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އަޙުމަދު އަލީ ޙަބީބް އައްޔަނު ކުރެއްވުމަށް، ސަރުކާރުން ހުށައަޅުއްވައިފިއެވެ.
އަޙުމަދު އަލީ ޙަބީބަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔަގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް
އަޙުމަދު އަލީ ޙަބީބް އައްޔަންކުރެއްވުމަށް، އޭނާގެ ނަންފުޅު ސަރުކާރުގެ ފަރާތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑަށް ހުށަހަޅުއްވާފައިވާކަމަށެވެ.
ހީނާ ވިދާޅުވީ އަޙުމަދު އަލީ ޙަބީބަކީ އެ މަޤާމަށް ތަޢުލީމީ ޤާބިލު ބޭފުޅެއްކަމަށެވެ. އެގޮތުން އެކައުންޓިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާއިރު، ހަބީބްއަކީ ޗާޓަރޑް އެކައުންޓެންޓެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
އަޙުމަދު އަލީ ޙަބީބް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމާއި އަދި އެކްޓިން ޗެއަރމަންގެ މަޤާމު ދެ ދަޢުރު ފުއްރުއްވާފައެވެ. އެހެންކަމުން ޙަބީބަކީ ބީއެމްއެލްގެ ޗެއަރމަންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ޤާބިލު ބޭފުޅަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށް ހީނާ ވަލީދް ވިދާޅުވިއެވެ.
ބީއެމްއެލްގެ ބޯޑުގެ ޗެއަރޕަރސަންކަމުގެ މަޤާމުގައި މިވަގުތު ހުންނެވީ ޙަސަން ޒަރީރުއެވެ. އޭނާ މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ބީއެމްއެލްގެ އޭޖީއެމްއަށް އަށްފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި މިއަހަރުގެ މަރޗްމަހުއެވެ. ބީއެމްއެލްގެ ބޯޑުގައި 10 މެންބަރުން ތިއްބަވައެވެ.