ޚަބަރު

ކުޅުދުއްފުށި ކެމްޕަހުގައި 3 ބުރީގެ އިމާރާތެއް ބިނާކުރަނީ


ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި 3 ބުރީގެ ކުލާސް ރޫމް ޢިމާރާތަކާއި، އޮޑިޓޯރިއަމެއް އެޅުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރައްވައިފިއެވެ.

ނަވާރަ މިލިއަން ރުފިޔާއަށް މި ދެ އިމާރާތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާ ގޮތަށް ހަވާލުކުރައްވާފައިވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. ކްލާސް ރޫމު އިމާރާތުގައި ކެންޓީނަކާއި ލެބޯޓްރީއެއްގެ އިތުރުން ޕްރިޕަރޭޝަން ރޫމެއް ހިމެނެއެވެ.

ފައްސަތޭކައެއްހާ ކުދިން ކުޅުދުއްފުށީ ކެމްޕަހުގައި ކޯސްތައް ފުރިހަމަ ކުރަމުން ދާއިރު، ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ކްލާސްތައް ނަގަމުންދަނީ ކެމްޕަހުން ބޭރުން ސަރުކާރުގެ ސްކޫލްތަކާއި އެހެނިހެން މުއައްސަސާތަކުގެ އިމާރާތްތަކުގައިކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، ކުޅުދުއްފުށީ ކެމްޕަހުގައި އަލަށް އިމާރާތްކުރެވޭ ކްލާސްރޫމްތަކުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށާއި، އެއާއެކު އުތުރުގެ އެސަރަހައްދުން ލިބޭ ޑިމާންޑާއި އެއްވަރަށް އައު ކޯސްތަކެއްވެސް ކުޅުދުއްފުށީގައި ފެށިގެންދާނެކަމަށެވެ.