ޗީފް ޗުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވީ މި މަޤާމަށް އައްޔަންކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށާއި، މުސާރައަކީ މަހަކު 47،500 ރުފިޔާކަމަށެވެ.
މަޤާމުގެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ.
މަޤާމުގެ މަސްޢޫލިއްުޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށާއި، މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.