ޚަބަރު

ރައްޔިތުންގެ މަޝްވަރާއާއެކު، ޤާނޫނީ ބާރުވެރިކަންވެސް ލިބޭގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް ފަށައިފި


  • ޕްލޭން ހެދުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައި

  • މި ޕްލޭނަށް ޚާއްސަ ޤާނޫނެއް ހަދާނެ

  • މިއީ 20 އަހަރުގެ ޕްލޭނެއް

ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ކުރިއަށްއޮތް 20 އަހަރު ދުވަހުގެ "ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހުގެ "ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފެއްޓެވުމަށް އިއްޔެ ބޭއްވި ވަޒީރުގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށާއި ޕްލޭންގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ ޕްލޭނެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލާ ނިންމުންތަކާއެކު ދިގު މުއްދަތުގައި ރާއްޖެ ތަރައްޤީވެގެން އަންނާނެގޮތުގެ ފުރިހަމަ ޕްލޭނެއް އޮތުންކަމަށެވެ.

ޤަޢުމީ ތަރައްޤިގެ ޕްލޭން ހަދާނީ ރައްޔިތުންނާ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއިއެކު، ރައްޔިތުން ބޭނުންވާގޮތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ހޯދައިދޭނެކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާތްތަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަޢުދުވިގޮތަށް މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަމާއި ޙިމާޔަތް ހޯދައިދޭނަން. ވަކިން ޚާއްސަކޮށް މިކަމަށް ހަދާ ޤާނުނަކާއެކު މި ޕްލޭން ހަދާނީ. މަޤުޞަދަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއިއެކު ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރަށް ކަނޑައެޅުން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްލޭނަކީ ރައްޔިތުންގެ އިތުބާރާ ޔަގީންކަން ލިބިފައިވާ ޕްލޭނަކަށް ހައްދަވާނެކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނަގޮތަށް ޤައުމު ތަރައްޤީކުރުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގެ މަޝްވަރާ ހޯދާނަން. ޖަމިއްޔާތައް، ޖަމާތްތައް، ކުޅިވަރު ކުޅޭމީހުން، ސިޔާސީ ޕާޓީތައް، ޤައުމުގެ ކަމުއޮށިގެންވާ މީހުން ހިމެނޭހެން ވަރަށް ރޭވުންތެރިކަމާއެކު ޕްލޭން ހަދާނީ. އިޖުތިމާޢީ، އިޤްތިޞާދީ، ގަވަނަންސް، ސްޕޭޝަލް ޕްލޭން، އަރބަން ޑިވެލޮޕްމަންޓް ފަދަ ހުރިހާ ދާއިރާއަކުން ޕްލޭންތައް ހަދާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްލޭން ހެދުމުގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ އެހީތެރިކަންވެސް ހޯއްދަވާނެކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދިނަމަވެސް މުޅި ޕްލޭން ހަދާނީ ދިވެހިން ކުރީ ސަފުގައި ތިބެގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ޕްލޭން ވެގެންދާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް ބިނާކުރުމުގެ ވިސްނުމުގައި ކުރާ މަސައްކަތަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަށާ މަސައްކަތް ވެގެންދާނީ އެންމެންގެ ކުރިއެރުމަށް، ދަރިންގެ މުސްތަޤްބަލަށް ކުރާ ވަރަށް މުހިންމު މަސައްކަތަކަށްކަމަށެވެ.