ޚަބަރު

ފެނަކަ ޑިޖިޓަލް ކުރުމުގެ މަގުޗާޓް ތަޢާރަފްކޮށްފި


  • ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޑިޖިޓަލައިޒް ކުރުމަކީ މުހިއްމު ކަމެއްކަން މުއާޒް ވިދާޅުވި

  • އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ހާލަތު ދެނެގަނެވޭނެ ޕޯޓަލްއެއް ހިމެނޭ

ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމަށް މަގު ޗާޓެއް އެކުލަވާލައިފިއެވެ.

މަގުޗާޓު ތަޢާރަފްކޮށް މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ބައިވެރިވެވަޑައިގަތެވެ.

ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓުގައި އެކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމަނާފައިވެއެވެ.

މި މަގުޗާޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ކުންފުންޏާ ހަވާލުވެގެން އަތޮޅުތެރެއަށް ކުރި ދަތުރުތަކުގައި ޚިދުމަތް ދޭ އޮފީހާއި ފެނަކައިގެ މައި އޮފީހާ ދެމެދު ގުޅުން ކެނޑިފައި އޮންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ޚިދުމަތް ދެމުން އަންނަ ރަށަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޑިޖިޓަލައިޒް ކުރުމަކީ މުހިއްމު ކަމެއްކަމަށް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ޑޭޓާ ތަކާ ނުލާ ޑިޒިޝަން ނަގާކަށް. އަޅުގަނޑުމެންނަށް ފެންނަގޮތަށް ޑިޒިޝަން މޭކް ކުރުމަކީ މި މެނޭޖްމަންޓުން ބޭނުންވާގޮތެއް ނޫން." ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމުގެ މަގު ޗާޓުގެ ދަށުން ވަނީ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާކޮށްފައިވާ "ގިރުނބާ" ޕޯޓަލް އިފްތިތާޙްކޮށްފައެވެ. މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރް މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޚާއްސަ ސޮފްޓްވެއަރއެއްވެސް ތަޢާރަފްކޮށްފައިވެއެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމަނާފައިވެއެވެ.

ފެނަކައިން ވިދާޅުވީ އެޗްއާރް ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެއްކަމަށެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ.އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއްކަން އެކުންފުނިން ވިދާޅުވެއެވެ. މިޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފަށާފައެވެ.

ފެނަކައިގެ އަމާޒަކީ މިމަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމެވެ. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.