ޚަބަރު

ޣައްޒާ ޢުދުވާނާ ގުޅޭ މަޝްވަރާތަކަށް ބްލިންކަން އަނެއްކާ ވެސް މެދުއިރުމައްޗަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ބޭއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަނެއްކާ ވެސް މިޞްރަށް ދަތުރެއް ކުރައްވަން ނިންމަވައިފިއެވެ. ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އެމެރިކާއިން ވެސް ދަނީ ޔަހޫދީންގެ ފަރާތުން މަޝްވަރާތައް ވިލަރެސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޣައްޒާ ޢުދުވާން 12ވަނަ މަހަކަށް ދިގުދެމިގެން ގޮސްފައިވާއިރު, ޢުދުވާން ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތަކަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އެ ކަމަށް ދެކޮޅު ހަދަމުން ދަނީ ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އެ ކަމުގެ ފަހަތުގައި އޮތީ ސިޔާސީ މަޤުޞަދުތަކެކެވެ. އަދި, ޣައްޒާގެ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމެވެ.

ޙަމާސުން ބުނީ, ދާދިފަހުން ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބާއްވާފައިވާ މަޝްވަރާތަކަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވާން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް, އެ އެއްބަސްވުމަށް އުނިއިތުރު ގެނައުމުގެ ފުރުޞަތު ޔަހޫދީންނަށް ދިނުމަށް އެ ޖަމާޢަތުން ދަނީ އިންކާރު ކުރަމުންނެވެ. ނިރުބަވެރި ނަތަންޔާހޫގެ އެންގުމަށް އެއްބަސްވުމަށް އުނިއިތުރު ގެންނަމުން ދަނީ މަޝްްވަރާތަކަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ. އަދި, ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގައެވެ.

ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު އުފެދިފައިވާ ދެބަސްވުންތައް ގުޅެނީ ފިލަޑެލްފީ ކޮރިޑޯއާއެވެ. އެއީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގެވެ. ޙަމާސުން ޝަރުޠު ކޮށްފައި ވަނީ, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވެރިވެގަނެފައިވާ ފިލަޑެލްފީ ކޮރިޑޯން އެ މީހުން ފޭބުމަށެވެ. ނަމަވެސް, ނިރުބަވެރި ނަތަންޔާހޫ ދަނީ ޢުދުވާން ހުއްޓައިލި ނަމަވެސް, އެ ސަރަޙައްދުން ޔަހޫދީ ސިފައިން ބާލަން ދެކޮޅު ހަދަމުންނެވެ. އޭގެ އިތުރުން, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ބަދަލުގައި މިނިވަން ކުރާނެ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދާ މެދު ވެސް ދެ ފަރާތުގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ބްލިންކަން މިޞްރަށް ކުރައްވާ ދަތުރުފުޅުގައި އެ ކަންކަމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދަން އެ ޤައުމުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ ކަމުގައެވެ. އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ "ހުރިހާ އަސީރުން މިނިވަންކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ހާލަތުން އެ މީހުން މިންޖުކޮށް, ސަރަޙައްދީ ރޮނގުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ އެއްބަސްވުމެއް ހޯދުން" ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުންދާ މަޝްވަރާތައް ކުރިއަރުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބުރަޔިޖު ރެފިއުޖީ ކޭމްޕަށެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ އެ ކޭމްޕުގެ ގެދޮރަށް ޔަޙޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ މަދަނީ ދިފާޢާ ގުޅޭ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން, ޣައްޒާ ސިޓީއާއި ދަޔިރް އަލް-ބަލަޙަށް ދިން ޙަމަލާތަކުގައި އިތުރު ހަ މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

2023 އޮކްޓޫބަރު 23ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,252އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,497އަށް އުފުލިފައެވެ.