ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބީދެސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި އުޅޭ އެއިދާރާގެ މުވައްޒަފުން ތިބޭނީ ޔުނީފޯމްގައިކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން މިހެންން ވިދާޅުވީ އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީން އުޅެމުންދާ ތަންތަން ބަލާ ފާސްކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާމގުޅިގެން އާންމު ކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަންގެ ޕޯސްޓްގައި ވިދާޅުވީ ރެއިޑްތަކުގައި ހަރަކާތްތެރިވާ އޮފިސަރުންނަމަ ޔުނިފޯމްގެ އިތުރުން އިމިގްރޭޝަން ފާސް އޮންނާނެކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވެ ޝައްކުވާނަމަ އެފަދަ މީހުންގެ ފާސް އަދި ފުރިހަމަ މަޢުލޫމާތު ބެލުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިގޮތަށް ހާމަކޮށްފައިމިވަނީ އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ތަނަކަށް 3 މީހަކު ވަދެ 9000 ރުފިޔާ ފޭރިގަތް މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފައިވަނިކޮށެވެ. މިދިޔަ ހޯމަދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ގ.ބޭރުގެ، ޢުމުރުން 44 އަހަރުގެ، މުޙައްމަދު ނަވީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.