ޚަބަރު

މައްސަލަތަކުގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޮނުވަނީ


އެކި ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާ ޖިނާޢީ މައްސަލަތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މި އިންތިޒާމު ހަމަޖައްސާފައިވުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލައެއް ހުށަހެޅުމާއެކު އެކަން އެސްއެމްއެސް އެއް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް އެނގިގެން ދާނެކަމަށެވެ. އޭގެ އިތުރުން މައްސަލަ ބެލުމަށް ކަނޑައެޅޭ އިންވެސްޓިގޭޝަން އޮފިސަރުގެ މައުލޫމާތާއި މައްސަލަ ތަޙްޤީޤު ކުރާ އިންވެސްޓިގޭޝަން އޮފިސަރާއި ގުޅޭނެ ނަމްބަރު އަދި މައްސަލައިގެ ކޭސް ނަމްބަރުވެސް، މައްސަލަ ހުށަހަޅާ ފަރާތަށް އެނގޭނެކަމަށް ޕޮލިސް ސަރވިސް އިން ވިދާޅުވެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ދަޢުވާ ކުރަން ފޮނުވާކަންވެސް ނުވަތަ ހެކި ނުލިބުމުގެ ސަބަބުން މައްސަލަ ދައުވާކުރަން ނޮފޮނުވާކަމުގެ މައުލުމާތުވެސް އެސްއެމްއެސް މެދުވެރިކޮށް އެންގޭނެކަމަށް ޕޮލިހުން ވިދާޅުވެއެވެ.

މި ޚިދުމަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނުލިބޭކަމުގެ ޝަކުވާއަކީ ވަރަށް ގިނަ ފަރާތްތަކުން ކުރަމުންގެންދާ ޝަކުވާއެއް ކަމަށާއި، މި ޚިދުމަތް ތައާރަފުވެގެން ދިއުމުން މި ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިފަދަ ކަންބޮޑުވުންތަކަށް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދައިދިނުމަށް މިހާރުވެސް ތަފާތު ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަމަށާއި ކައިރި މުސްތަގުބަލެއްގައި މިފަދަ އިތުރު ހިދުމަތްތައް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާކަމަށްވެސް ފަރުހާދު ވިދާޅުވިއެވެ.