ޚަބަރު

ޕްރީ ސްކޫލް ތަޢުލީމު ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާކުރަނީ


ޕްރީ ސްކޫލް ތަޢުލީމް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެއް މިއަދު ފަށްޓަވައިފިއެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ތުއްތު ކުދިންނަށް ޅަފަތުގެ ތައުލީމް ފޯރުކޮށްދިނުމުގައި ރާއްޖޭން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

ތައުލީމް ފޯރުކޮށްދިނުމުގައި 2030 ގައި ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ރާއްޖޭން މިހާރު ހާސިލްކޮށްފައިވާކަމަށާއި، ސަރުކާރުގެ މިހާރުގެ އަމާޒަކީ ޕްރީ ސްކޫލް މަރުހަލާގެ ތައުލީމް ރާއްޖޭގައި ވީހާވެސް ފުޅާކޮށް ފޯރުކޮށްދީ، އޮއްޓަރުހުރި ފޭރާންހެޔޮ ތައުލީމް ކުދިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުންކަމަށް،ޝަފީއު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ ޤައުމީ ފެންވަރެއްގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގައި ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އެން އިސެސްކޯގެ ސެކެޓްރީ ޖެނެރަލް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަން އައިމިނަތު ނަމްޒާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު ރޮނގުތަކުން އިސެސްކޯއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ޕްރީ ސްކޫލްތައް ހިންގުމުގައި ހަރަކާތްތެރިވާ 25 ފަރާތަކުން ބައިވެރިވެފައިވެއެވެ.