ޚަބަރު

އެހީގެ ގޮތުގައި ބަންގްލަދޭޝަށް އެމެރިކާއިން އިތުރު 202 މިލިޔަން ޑޮލަރު ދެނީ


ބަންގްލަދޭޝްގެ އިޤުތިޞާދު ހަމައަކަށް އަޅުވައި, ޑިމޮކުރެޓިކް މުވައްސަސާތައް ހަރުދަނާކޮށް ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން އިތުރު 202 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާއިން މި ކަން ހާމަ ކޮށްފައި ވަނީ އެ ޤައުމުގެ އިސްވެރިންގެ ވަފުދެއް ދާކާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ދާކާއަށް ގޮސްފައިވާ އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޤައުމުގެ ޓްރެޜަރީ އިދާރާގެ ޑެޕިޔުޓީ އަންޑަރސެކްރެޓަރީ ބްރެންޓް ނީމަނެވެ.

މިއީ, ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލައި, އިސް މުޝީރު ކަމުގެ މަޤާމަށް ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ޢައްޔަން ކުރި ފަހުން އެމެރިކާ ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ދާކާއަށް ގޮސްފައިވާ ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ އޮގަސްޓު 5ވަނަ ދުވަހު ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވުމާ އެކު, އޭނާގެ ސަރުކާރު ވެއްޓުމުންނެވެ.

ދާދި ފަހުން ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ވާހަކަފުޅު ދައްކަވަމުން ޔޫނުސް ވަނީ ބަންގްލަދޭޝަށް ކުރިމަތިވެފައި އޮތް އިޤުތިޞާދީ ވަޅުގަނޑުން ސަލާމަތްވުމަށް ބޭރުގެ މާލީ އެހީތެރިކަން ބޭނުންވާނެ ކަން ހާމަ ކުރައްވާފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލުމުން އެ ކަމުގެ ނޭދެވޭ އަސަރުތައް ބަންގްލަދޭޝްގެ އިޤުތިޞާދަށް ކުރަމުންދާ ކަމަށް ވިދާޅުވެ ޔޫނުސް ވަނީ 5 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއަށް އެދިވަޑައިގަންނަވާފައެވެ. ހުސްވި އަހަރު ބަންގްލަދޭޝުން ވަނީ, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 4.7 ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ހޯދާފައެވެ.

ޔޫނުސްގެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ އެހީއާ ގުޅޭ އެމެރިކާގެ އިދާރާ (ޔޫއެސްއެއިޑު)ން ވަނީ, ބަންގްލަދޭޝަށް އިތުރު 202 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. އެ ފައިސާ ޚަރަދު ކުރަން ހަމަޖެހިފައި ވަނީ ސަރުކާރު ހިންގުން ހަރުދަނާކޮށް, އިޖުތިމާޢީ, އިންސާނިއްޔަތާ ބެހޭ އަދި އިޤުތިޞާދީ ދާއިރާތަކުގެ އިތުރުން ވިލުންވެރިކަން އިތުރު ކުރުމަށެވެ. އެ ކަމާ ގުޅޭ ގޮތުން ބަންގްލަދޭޝް ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަން ވެސް ޔޫއެސްއެއިޑުން ހާމަކުރިއެވެ.

2021ވަނަ އަހަރު ޔޫއެސްއެއިޑާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން 2021އާއި 2026ވަނަ އަހަރާ ދެމެދު ބަންގްލަދޭޝަށް 954 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން އެމެރިކާއިން އޮތީ ނިންމާފައެވެ. އޭގެ ތެރެއިން 425 މިލިޔަން ޑޮލަރުގެ އެހީ މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމުގައި ޔޫއެސްއެއިޑުން ހާމަކުރިއެވެ. ދާކާއަށް ދިޔަ އެމެރިކާގެ ވަފުދުގެ ބޭފުޅުންނާއި ޔޫނުސާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު, ދާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ ބަންގްލަދޭޝަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާ ތައްޔާރަށް އޮތް ކަމުގައެވެ.

ޔޫނުސްގެ އޮފީހުން ބުނީ, އެމެރިކާގެ މާލީ އެހީތެރިކަމަށް އެދިފައި ވަނީ ޝަރުޢީ ނިޒާމު އިސްލާޙުކޮށް, ފުލުހުންނާއި މާލީ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް, ޚިޔާނާތާއި ނާޖާއިޒު ގޮތުގައި ކުރީގެ ސަރުކާރުތަކުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަމުގައެވެ. އަދި, މި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާގެ ވަފުދުން އެއްބަސްވެފައިވާ ކަން ވެސް ޔޫނުސްގެ ސަރުކާރުން ހާމަކުރިއެވެ.

މީގެ އިތުރުން ބަންގްލަދޭޝަށް މި ވަގުތު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކާ ގުޅޭ ގޮތުން އެމެރިކާގެ ވަފުދާ އެކު ޔޫނުސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި އިޤުތިޞާދީ އިސްލާޙުތަކާއި, އިންވެސްޓްމެންޓާއި, ވަޒީފާ އަދާ ކުރާ މީހުންނާ ގުޅޭ މައްސަލަތަކުގެ އިތުރުން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ މައްސަލަ ހިމެނޭ ކަމުގައި ވެސް ޔޫނުސްގެ އޮފީހުން ބުންޏެވެ.

އެމެރިކާގެ ވަފުދުގެ ބޭފުޅުން ވަނީ ޔޫނުސްގެ އިތުރުން ވަގުތީ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާ އެހެން ބައެއް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އޭގެ ތެރޭގައި ޚާރިޖީ ދާއިރާގެ މުޝީރު މުޙައްމަދު ތަވްޙީދު ޙުސައިނާއި, މާލީ ދާއިރާގެ މުޝީރު ޞާލިޙުއްދީން އަޙްމަދާއި ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްސަން މަންޞޫރު ހިމެނި ވަޑައިގަންނަވައެވެ.

ދާކާއަށް ދަތުރު ކޮށްފައިވާ އެމެރިކާގެ ވަފުދުގައި ދެކުނު އޭޝިޔާ ސަރަޙައްދަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ދާކާއަށް ވަޑައިގަންނަވާފައި ވަނީ, އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހުއެވެ.