ޚަބަރު

ރިޔާސީ ލޯންޗުގެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދައުވާ


ރިޔާސީ ލޯންކޮޅު ފިނިފެންމާގައި އައިއީޑީއެއް ހަރުކުރެއްވުމަށް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު އެ ލޯންޗްކޮޅަށް އެރުއްވިކަމަށް ވިދާޅުވެ ދައުލަތުން ދައުވާކުރައްވާ މައްސަލައިގެ އަޑު އެހުންތައް ނިންމަވާލައްވައިފިއެވެ.

ދިފާއީ ހެކިންގެ ގޮތުގައި އަދީބު ހުށައެޅުއްވި ފަރާތްތަކުގެ ފޯންތައް ނިއްވާލާފައިވާތީ ކޯޓުން ދެއްވި އެއްގަޑިއިރުގެ ތެރޭގައި އެ ހެކިން ކޯޓަށް ހާޒިރުކުރެވިފައި ނުވުމުން  މިކަމަށް އިތުރު ފުރުސަތެއް ދެއްވާފައެއް ނުވެއެވެ. އަދީބުގެ ފަރާތުން އެދިފައިވަނީ ކޯޓް މެދުވެރިކުރައްވާ އޭނާ ހުށައެޅި ދިފާއީ ހެކިން ކޯޓަށް ހާޒިރުކޮށްދެއްވުމަށެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދިފާއީ ހެކިން ހާޒިރުކުރަންޖެހޭނީ ދައުވާ ލިބޭ ފަރާތުން އަމިއްލައަށްކަމަށެވެ. އަދި އެކަމަށް  އެއްގަޑިއިރުގެ ފުރުސަތެއް ކޯޓުން އަދީބަށް ދެއްވާފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި 4 ފަރާތެއް ހުށައަޅުއްވާ ހެކިބަސް ނަންގަވާފައިވެއެވެ. ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ތެރޭގައި ރައީސާއި  ނައިބު ރައީސްގެ ދަތުރުފުޅުތައް ހަމަޖެއްސެވުމުގައި އެސްޕީޖީގައި މަސައްކަތްކުރާ ސިފައިންގެ މީހަކާއި އާރަށުގެ އިންޗާޖްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތާއި ފިނިފެންމާ ލޯންޗްގެ ފަޅުވެރިއެއްވެސް ހިމެނެއެވެ. ހެކިބަސް ދެމުން ސިފައިންގެ މީހާ ބުނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ދުވަހުގެ ކުރީ ދުވަހު ނާއިބު ރައީސް އަހުމަދު އަދީބުގެ  އެދިލެއްވުމަށް އާރަށަށް ދިޔުމަށް އެ ލޯންޗްކޮޅު ހަމަޖައްސަވާދެއްވިކަމަށެވެ. އަދި އެކަމަށް އެދި ގުޅާފައިވަނީ އަހުމަދު އަދީބުގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރި ހަސަން ރިކާޒްކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެ ދުވަހުގެ ކުރިން ފިނިފެންމާ ލޯންޗްގައި އަދީބް އެއްވެސް ދަތުރެއް ކުރައްވާފައިނުވާކަމަށްވެސް ސިފައިންގެ މީހާ ބުނެފައިވެއެވެ.

އާރަށުގެ އިންޗާޖަކަށް ހުރި ފަރާތް ހެކިބަސް ދެމުން ބުނެފައިވަނީ އަޙުމަދު އަދީބު އާރަށަށް ވަޑައިގަތުމަށް އެދުމުން ބޭނުންކުރެވޭ ގޮތަށް އޮތީ ހަމައެކަނި ފިނިފެންމާ ލޯންޗްކަމަށާއި އޭގެ ބަދަލުގައި ކުޑަ ލޯންޗެއް ހަމަޖައްސަވަން ރައީސްގެ ދަތުރުތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވާ ސިފައިންގެ މީހާ ގާތު އެދުނުކަމަށެވެ. އެހެންނަމަވެސް ފިނިފެންމާ ލޯންޗްކޮޅު ހަމަޖައްސާދިނީ އެމްއެންޑީއެފްގެ އޮފިޝަލް އެގޮތަށް އެދުމުންކަމަށެވެ.

ހެކިބަސް ދިން ތިންވަނަ މީހާ ބުނެފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލީ ދުވަހުގެ ކުރީ ދުވަހު އަހުމަދު އަދީބާއި  އޭނާގެ ދެ ބޮޑީ ގާޑުން އާރަށަށް ވަޑައިގެންނެވިކަމަށެވެ. އަދި އާރަށުގައި އެބޭފުޅުން ބަގީ ދުއްވާ މޫދަށް އެރިވަޑައިގެންނެވި ކަމަށެވެ. މި މައްސަލާގައި އެންމެ ފަހުން ހެކިބަސް ދީފައިވަނީ ފިނިފެންމާ ލޯންޗްގެ ފަޅުވެރިއެކެވެ. އޭނާ ބުނީ  އާރަށަށް އަދީބު ވަޑައިގަތްފަހުން އެނބުރި ފުރާ ވަޑާއިގަންވަންދެން ފަޅުވެރިން ތިބީ ލޯންޗްގައިކަމަށާއި ފުރުމުގެ ކުރިން އަދީބް ލޯންޗްކޮޅަށް އަރާވަޑާއިގެންފައި ނުވާކަމަށެވެ.

މި މައްސަލައިގެ ހެކިބަސް މިއަދު ނަންގަވާ ނިންމަވާފައިވާއިރު މައްސަލައިގެ ޚުލާސާ ބަޔާން ހުށައެޅުން އޮންނާނީ އަންނަ ހޮނިހިރުދުވަހުގެ 11:00ގައިކަމަށް މައްސަލަ ބައްލަވާ ގާޒީ އިޢުލާންކުރައްވާފައިވެއެވެ.

ދައުލަތުން އަޙުމަދު އަދީބާއި ދެކޮޅަށް އުފުއްލަވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމުގެ ކުށުގެ ދަޢުވާއެވެ.