ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 1-3 ގެ ނަތީޖާއަކުން ބްރެސްޓް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ހަތަރު މެޗުން ހޯދީ 12 ޕޮއިންޓާއެކު އެއްވަނައިގައެވެ. ކުރިން އެއްވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމު ވަނީ ދެވަނަ އަށް ވެއްޓިފައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިނެއްގައި އޮތީ އޭއެސް މޮނާކޯ އެވެ. ހަތަރުވަނައިގައި އޮތް ނަންޓެސް އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗު ފެށިގެން ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ބްރެސްޓް އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ރޮމައިން ޑެލް ކަސްޓީލޯ މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ލުޑޮވިޗް އަޔޯކޭ އަށް ޕީއެސްޖީގެ ނޫނޯ މެންޑޭސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕީއެސްޖީން އެއްވަރުކުރި ލަނޑު، 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ހަލުވި ވިންގް، އޮސްމާނޭ ޑެމްބެލޭ އެވެ. އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، މާކޯ އަސެންސިއޯ ނަގައިދިން ހުރަހެއްގެ އެހީގައި ޑެމްބެލޭ މި ލަނޑުޖެހީ ބޮލުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ސްޕެއިނުގެ މިޑްފީލްޑަރު، ފަބިއެން ރުއިޒް އެވެ. މިއީ ދުރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
ޕީއެސްޖީން ލީޑްނެގިތާ 80 ވަރަކަށް ސިކުންތުގެ ތެރޭގައި، ބްރެސްޓްގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން ކައުންޓައެޓޭކެއްގައި ޑެމްބެލޭ ވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ޕީއެސްޖީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
"ބްރެސްޓަކީ ރަނގަޅު ޓީމެއް، ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. އެމީހުންނާ ދެކޮޅަށް އަބަދުވެސް ކުޅެން އުނދަގޫ. އަހަރެމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބު ހޯދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ،" މެޗަށްފަހު ޑީއޭޒެޑްއެން އަށް ދިން އިންޓަވިއުގައި ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުންޏެވެ.
ޕީއެސްޖީ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޖިރޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.