ޚަބަރު

ފަހު ވަގުތު އެންކުންކޫ ޖެހި ލަނޑުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު އެންކުންކޫ ޖެހި ލަނޑާއެކު، 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ރެފްރީ ވަނީ ޖުމްލަ 14 ރީނދޫ ކާޑު ދައްކާފައެވެ. އޭގެ ތެރެއިން 8 ކާޑު ޗެލްސީގެ ކުޅުންތެރިންނަށް ދައްކާފައިވާއިރު, ބޯންމަތަށް ވަނީ 6 ރީނދޫ ކާޑު ދައްކާފަ އެވެ. މިއި ޕްރިމިއާ ލީގުގައި މިހާތަނަށް އެއް މެޗެއްގައި އެންމެ ގިނަ ރީނދޫ ކާޑު ފެނިގެންދިޔަ މެޗެވެ. މީގެ ކުރިން 201 ވަނަ އަހަރު ޗެލްސީ އާއި ޓޮޓްންހަމް ބައްދަލުކުރި މެޗެއްގައި 12 ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބޯންމަތަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ކްލަބުގެ ރެކޯޑް ފީއެއް ކަމުގައި 40 މިލިއަން ޕައުންޑްގެ ފީއަކަށް އެ ޓީމާއި ގުޅުނު އެވަނިލްސަން އަށް ލިބުނު ރަނުގެ ފުރުސަތު ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ފުރަތަމަ ހާފްގައި ބޯންމަތަށް ލިބުނު ޕެނަލްޓީއެއް ވެސް ޗެލްސީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗް އެންޒޫ މަރެސްކާ ވަނީ ދާދި ފަހުން ޗެލްސީ އާއި ގުޅުނު ޖޭޑަން ސަންޗޯ ކުޅެން އަރުވާފަ އެވެ. އަދި 79 ވަނަ މިނިޓުގައި ވަނީ ފޯވަޑް ނިކޮލަސް ޖެކްސަންގެ ބަދަލުގައި އެންކުންކޫ އަށް ފުރުސަތު ދީފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސަންޗޯ ދިން ބޯޅައަކުން އެންކުންކޫ އެވެ.

މި މެޗުން މޮޅުވުމާއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ ލިބިފައެވެ.