ވިޔަފާރި

ޖިހާދަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިއްޖެ


ޖިހާދުގެ ނަމުގައި ބޭރު ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްދާ ދިވެހިން ހުއްޓުވުމަށްޓަކައި ފުލުހުންގެ އިންޓެލިޖެންސް ކުރިއަށްވުރެ އެތައް ގުނައެއް ވަރުގަދަކޮށް، ހަނގުރާމައަށްދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. 

އެހެން ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ދިއުމަކީ ޖިނާއީ ކުށެކެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދާން އުޅުމާއި، ރާއްޖެ ދޫކޮށް ދިއުމާއި، ބައިވެރިވުމަކީ ކުށެކެވެ. އަދި ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް އެނބުރި އަންނަ މީހާއަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން މޮނިކޮން އަމުރުނެރެ ފިޔަވަޅު އެޅިދާނެކަމަށް އެޤާނޫނުގައިވެއެވެ. 

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، އެހެން ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައަށް ޖިހާދުގެ ނަމުގައި ދާ ދިވެހިން ހުއްޓުވުމަށްޓަކާ ކުރާ މަސައްކަތުގެ ދަށުން، ފުލުހުންގެ އިންޓަލިޖެންސްއަށް މިހާރު ވަރަށް ހަރުދަނާކޮށްފައިވާކަމަށާއި، ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުންވެސް މިހާރު ވަރަށް ވަރުގަދަވާނެކަމަށެވެ. އެހެންކަމުން އެހެން ޤައުމުތަކަށް ދަތުރުކުރިނަމަވެސް އެޤައުމުތަކުން އެމީހުން ހުއްޓުވާ ހައްޔަރުކޮށް، އަނބުރާ ޤައުމަށް ގެނައުމުގެ ޤާބިލްކަން މިހާރު އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ޖިހާދުގެ ނަމުގައި ބޭރުގެ ހަނގުރާމައަށްދާ މީހުންގެ ޢަދަދު އެތައްގުނައެއް މަދުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ހަނގުރާމައަށް ދިއުމުގެ ޝައުގުވެރިކަމުގެ މަޢުލޫމާތު ލިބިެއްޖެނަމަ އެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަން އެ މީހަކަށް ނުވަތަ ޢާއިލާއަކަށް މިހާރު އަންގަމުންދާކަމަށެވެ. އަދި އެފަދަ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ، ފުރުން މަނާކޮށް، ފުރަން ގޮސްފިނަމަ އެއަރޕޯޓުންވެސް އެފަދަ މީހުން ހުއްޓުވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަނގުރާމައަށް ދާން އުޅޭކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ގެއަށްވަދެ ގެ ފާސްކޮށް، އެކަމާއި ގުޅޭއެއްވެސް ލިޔެކިޔުމެއް ހުރިތޯ ބަލާ، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެމީިހަކު ހުއްޓުވާ، ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ދައުވާކޮށް ހުކުމް ކުރެވޭނެއެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމާއި، އަދި ހަނގުރާމާގައި ބައިވެރިވެއްޖެނަމަ ސަތާރަ އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެކަމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައިވެއެވެ. އަދި ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދާން އުޅެފިނަމަ ދިހަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށްވެސް އެޤާނޫނުގައިވެއެވެ. 

އަސްލު ހަޤީޤި ޖިހާދަކީ ﷲގެ ކަލިމަފުޅު މަތިރވެރިކުރުމަށްޓަކާ ދީނާއި ޤައުމުގެ ދިފާޢުގައި ކަނޑައެޅިގެންވާ އިސްލާމީ ވެރިއެއްގެ ފަހަތުގައި އިސްލާމްދީނާއި، ޤައުމުގެ ދުޝްމަނުންނާއި ދެކޮޅަށް އިޚްލާސްތެރިކަމާއިއެކު ކުރެވޭ ހަނގުރާމައަށް ކިޔާނަމެއް ކަމުގަ އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ރައުޔެއްގައިވެއެވެ. އަދި މި ޝަރުތުތަކާއި ޚިފާލަށް ކުރާ ހަނގުރާމައަކީ ޖިހާދެއްނޫންކަމަށްވެސް މިނިސްޓްރީގެ ރައުޔުގައިވެއެވެ.