ޚަބަރު

ވިލުފުށީގެ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައި !


ތ. ވިލުފުށީގައި އަޅުއްވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތީ، ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ ފައިސާގެ މައްސަލަތަކަކާއި ގުޅިގެންކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ހަވާލު ކުރައްވާފައިވަނީ އައިލެންޑް އެކްސްޕަރޓްސް ކިޔާ ކުންފުންޏަކާއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ކުންފުންޏަށް ދިމާވެފައިވާ ފައިސާގެ މައްސަލަތައް ހައްލުކުރައްވަން މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ތ. ވިލުފުށީގައި އެޅުއްވުމަށް އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން 64 ހައުސިންގ ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ނިމި ބައެއް ހައުސިންގ ޔުނިޓްތައް ވަނީ ހިޔާވެސް ކޮށްފައެވެ.

ބާކީ ހުރި 36 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އުސްކޮށް ހުރި ފަސްގަނޑެއް ނުނަގާ ހުރުމުން އެ ހައުސިންގ ޔުނިޓް ތަކުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ވަނީ ހުއްޓާލާފައެވެ.

އެރަށު ކައުސިލުން ވިދާޅުވީ، މި މަޝްރޫޢުގެ ކޮންޓްރެކްޓަރު އެ ކުންފުނީގެ ސަމާނާއިއެކު މިހާރު ރަށުން ފައިބާފައިވާ ކަމަށެވެ.

ވިލުފުށީގައި 100 ހައުސިން ޔުނިޓް އެއް އަހަރު ދުވަހުގެ ތެރޭގައި އަޅާ ނިންމުމަށް އައިލެންޑް އެކްސްޕަރޓްސް ކުންފުންޏާއި ހަވާލު ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.