ޚަބަރު

ޓޯނޭގެ ފުރަތަމަ މެޗުގައި ރޮނާލްޑޯގެ އަލް ނަސްރު އަތުން އަލް އަހްލީއަށް ޕޮއިންޓެއް


ސައުދީ ޕްރޯ ލީގުގެ އަލް-އަހްލީ އަށް އިންގްލެންޑްގެ ފޯވާޑް، އައިވަން ޓޯނޭ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރުއާ 1-1 އިން އެއްވަރުވެއްޖެއެވެ.

އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހުގައި ބްރެންޓްފޯޑުން 40 މިލިއަން ޕައުންޑްގެ ޑީލެއްގައި އަލް-އަހްލީ އަށް ބަދަލުވި ޓޯނޭ ވަނީ މި މެޗުގައި 90 މިނެޓު ފުރިހަމަކޮށްފައެވެ. އޭނާ އާއެކު އެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ލިވަޕޫލްގެ ކުރީގެ ފޯވާޑް، ރޮބާޓް ފިރްމީނޯ އާއި ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު އަލްޖީރިއާގެ ވިންގް، ރިޔާދް މާރޭޒް އަދި ޗެލްސީގެ ކުރީގެ ކީޕަރު، އެޑޮއާޑް މެންޑީ ހިމެނެއެވެ.

އަލް-ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމު ކުރެން އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އަލް-އަހްލީ އިންނެވެ. ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރީން އޭސީ މިލާނާއި ބާސެލޯނާ އަށް ކުޅެފައިވާ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު، ފްރޭންކް ކެސިއޭ އެވެ.

މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، އިތުރުވަގުތުގެ ތެރޭގައި އަލް-ނަސްރުން އެއްވަރުކުރީ އަލް އަހްލީގެ ޑިފެންޑަރު، މުޙައްމަދު އަލްހުރައިޖީ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.

މި މެޗު ފެށުމުގެ ކުރީން، އަލް-ނަސްރުގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ ކެރިއަރުގެ 900 ވަނަ ގޯލް ފާހަގަކުރުމުގެ ގޮތުން ޓީފޯއެއް ދައްކާލައިފައެވެ. މިއީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ގޯލެވެ.