ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދުއެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓް ކުރައްވާފައިވަނީ އައްޑޫ ސިޓީގެ ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތްކުރި ފަން އޫދް މެރިން އެންޑް ޑްރެޖިންގ ކުންފުންޏާއެވެ. އެ ކުންފުނިން ފޭދޫގައި ފަންސާސް ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވަނީ ސާދަ ދުވަހުގެ ތެރޭގައެވެ.
މިއަދު ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ފެއްޓެވިނަމަވެސް، މި މަސައްކަތަށް ވިއްސަކަށް ދުވަސް ނަގާނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ތިނަދޫއިން ހިއްކަން ހަމަޖެހިފައިވަނީ ފަންސާސް ފަސް ހެކްޓަރުގެ ސަރަހައްދެކެވެ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ފޭދޫއަށް ވުރެ ގިނަ ދުވަސް ނަގަނީ އެސަރަހައްދުގެ ކަނޑުގެ ފުންމިން ފަދަ ބައެއް ކަންތައްތައް ހުރިގޮތުންކަމަށް ޕީއެސްއެމް ނިސްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފޭދޫއާއި ގދ. ތިނަދޫގެ އިތުރުން ކ. ހިންމަފުށީގެ ބިންހިއްކެވުމުގެ މަސައްކަތްވެސް ހަވާލުކުރައްވާފައި ވަނީ ފަން އޫދް މެރިން އެންޑް ޑްރެޖިންގ ކުންފުންޏާއެވެ. މި ތިން ރަށުގެ ބިން ހިއްކެވުމުގެ މަސައްކަތް ސާދަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކުރައްވާފައިވަނީ ހަ ސަތޭކަ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.