ކުޅިވަރު

އަޑެޔެމީގެ ދެ ލަނޑާއެކު ހެއިޑެންހެއިމް އަތުން ޑޯޓްމުންޑް މޮޅުވެއްޖެ


ޖަރުމަން ލީގުގައި ފޯވާޑް ކަރީމް އަޑެޔެމީ ކާމިޔާބުކުރި ދެ ލަނޑާއެކު، ހެއިޑެންހެއިމް އަތުން 4-2 އިން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޑޯޓްމުންޑް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އަނެއް މެޗުން ވީ އެއްވަރެވެ.

މި ނަތީޖާއާއެކު، ޑޯޓްމުންޑް ވަނީ ވަގުތީގޮތުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ހެއިޑެންހެއިމް އަށް ލިބިފައިވަނީ ތިން މެޗުން ހަ ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން އެއްމެޗު މަދުން ކުޅެގެން، ފައިދާގޯލްގެ ތަފާތުން ތިނެއްގައި އޮތީ ބަޔާން މިއުނިކެވެ. އެ ޓީމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން އެއްވަނަ އަށް އެރޭނެއެވެ.

ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. އަޑެޔެމީ ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ ނެދަލެންޑްސްގެ ފޯވާޑް، ޑޮންޔެލް މަލެން އެވެ. އޭގެ ފަސް މިނެޓުފަހުން، އަޑެޔެމީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ހޫލިއަން ބްރެންޓް އެވެ.

ހެއިޑެންހެއިމްގެ ފުރަތަމަ ލަނޑު، 39 ވަނަ މިނެޓުގައި އޮމަރް ޓްރައޯރޭ ދިން ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން މާވިން ޕިއެރިންގާ ކާމިޔާބުކޮށްދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ހޫލިއަން ރަޔާސަން ދިން ބޯޅައަކުން އަޑެޔެމީ ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައިދީ، ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ހެއިޑެންހެއިމްގެ މެކްސިމިލިއަން ބްރޮއިނިގް ވައްދާލި ޕެނަލްޓީއާއެކު އެ ޓީމުން ފަރަގު ކުޑަކުރިއެވެ. ނަމަވެސް، މެޗުގެ އިތުރުވަގުތުގައި ޑޯޓްމުންޑްގެ ޖަރުމަނު މިޑްފީލްޑަރު، އެމްރޭ ޗާން ކާމިޔާބުކުރި ޕެނަލްޓީން އެ ޓީމު ވަނީ ހަތަރުވަނަ ލަނޑުޖަހައިފައެވެ.

ޑޯޓްމުންޑަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މި މަހުގެ 19 ވާ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.