ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވި 22 އުޅަނދެއް ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ ވެރިފަރާތުން ހަވާލުނުވުމުގެ ސަބަބުން ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 2 ފުރޮޅުލީ 21 އުޅަނދަކާއި 4 ފުރޮޅުލީ އުޅަނދެއްކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގައި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ މުއްދަތު ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިނިސްޓްރީން ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދުތައް ދޫކުރާނީ 15 ދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ.
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް އުޅަނދެއްނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތާ 48 ގަޑިއިރު ހަމަވުމުން ދޫކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދެއް ގެންގޮސްފިނަމަ އެ އުޅަނދެއް ދޫކުރެވޭނީ އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ ޖޫރިމަނާތައް ދެއްކުމުން ނުވަތަ ދައްކާކަމުގެ ލިޔުން ހުށަހަޅައިގެންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރާ މުއްދަތުގައި ހަވާލުނުވެއްޖަނަމަ 60 ދުވަހުގެ ތެރޭގައި އެ އުޅަނދާ ހަވާލުވާން އިއުލާން ކުރާނެއެވެ. އެ މުއްދަތުގައި ހަވާލުނުވެއްޖެނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅަންޖެހޭނެ ކަމަށާއި، 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން ރަޖިސްޓްރޭޝަން ބާތިލްކުރަންޖެހޭނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ހަވާލުވާން އިއުލާންކުރާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ނީލަމެއްގައި ވިއްކާލުން ނުވަތަ އެ އުޅަނދެއް ނައްތާލުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެއެވެ.