ޚަބަރު

ކެންސަރު ދަފްތަރުގައި މާލެ ސަރަޙައްދުން 1400 އަށްވުރެ ގިނަ މީހުން!


  • "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން

  • މާލެ ސަރަޙައްދުގައި 1400 މީހުންނަށް ބަލިޖެހިފައިވާކަމަށް ދެނެގަނެވިފައިވޭ

މާލެ ސަރަޙައްދުގައި ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތަފާސްހިސާބު އެކުލަވާލުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިއަދާ ހަމައަށް އައިއިރުވެސް ކެންސަރުގެ ތަފާސްހިސާބުތައް އެކުލަވާލަފައެއް ނެތެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކެންސަރ ޖެހިފައިތިބި މީހުން ދެނެގަނެ "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ ޢަބްދުﷲ މުޢާޒް އާދަމް ވިދާޅުވީ ރާޢްޖޭގައި ކެންސަރުގެ ހާލަތު ދެނެގަތުމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ތަފާސްހިސާބުތައް އެއްކޮށް އެ މަޢުލޫމާތުތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

މިގޮތުން މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ 1400އަށްވުރެ ގިނަ މީހުން އެ ދަފްތަރުގައި ރަޖިސްޓްރީކޮށް ދަފްތަރެއްގެ ގޮތުގައި ބަލަހައްޓަމުންގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގައި އެ ބަލި އޮތް މިންވަރު ދެނެގަނެ ތަފާސްހިސާބުތައް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

"އެކި މުއައްސަސާތަކުން ހޯދަން ޖެހޭ މަޢުލޫމާތުތައްވެސް ހޯދުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް. ކެންސަރ ރަޖިސްޓްރީ ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މައުލޫމާތު އެއްކުރާނެ." އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ ޢަބްދުﷲ މުޢާޒް އާދަމް ވިދާޅުވިއެވެ.

ކެންސަރުގެ ތަފާހިސާބުތައް އެކުލަވާލާއިރު ރާއްޖޭގައި އެންމެ ގިނައިން ކެންސަރ ޖެހޭ ބާވަތްތައް އެކުލަވާލާ، ބަލި ޖެހުމަށް މަގުފަހިވާކަންތައްތައްވެސް ދެނެގަތުމަށް ހަމަޖެހިފައިވެއެވެ. ކެންސަރުގެ ތަފާސްހިސާބުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ކެންސަރއަށް ސްކްރީން ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައިވެސް މި ބައްޔަށް ސްކްރީންކޮށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތް ދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ކެންސަރު ބަލީގައި ހުޅުމާލެ ހޮސްޕިޓަލްގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ، މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ.އަތޮޅުގައެވެ.

ރާއްޖޭގެ ކެންސަރު ބަލީގެ ޙާލަތު ދެނެގަތުމަށް "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އެންމެ ގިނަކަމަށް ދައްކަނީ އުރަމަތީގެ ކެންސަރާއި، ފުއްޕާމޭ، ލޭ، ތައިރޮއިޑް އަދި އަނގަޔަށް ޖޭހޭ ކެންސަރުފަދަ ބާވަތްތައްކެވެ.

ކެންސަރު ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ. އެކަމަށް ރައްޔިތުންނާއި ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު، މިއީ ބަލިމީހާއަށް ބޮޑު ތަކުލީފެއްވެސް ލިބޭ ކަމެކެވެ.

ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މި ތަކުލީފުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމެވެ. އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އަދި އެކަމަށް ބޭނުންވާ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84އަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނަށްވާއިރު، މީގެތެރެއިން %17އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.