ޚަބަރު

ފަލަސްޠީނުގެ މިނިވަން ކަމާ ބެހޭ މުހިންމު މަޝްވަރާތަކެއް ސްޕެއިންގައި ބާއްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތާއި މުސްލިމް ބައެއް ޤައުމުތަކުން ސްޕެއިންގައި ބައްދަލު ކޮށްފިއެވެ. އެ ބައްދަލުމުގެ ބައިވެރިންގެ ތެރޭގައި ސްޕެއިންގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ވެރިންނާއި, ވިލާތުގެ ޤައުމުތައް ކަމުގައިވާ ނޯވޭއާއި ސްލޮވީނިޔާ ހިމެނެއެވެ. އަދި, ޢަރަބި-އިސްލާމީ ޤައުމުތަކުގެ ތެރެއިން މިޞްރާއި, ސަޢޫދީ ޢަރަބިއްޔާއާއި, ޤަޠަރާއި އުރުދުނާއި, އިންޑޮނީޝިޔާގެ އިތުރުން ނައިޖީރިޔާއާއި ތުރުކީވިލާތް ހިމެނެއެވެ.

ސްޕެއިންގައި ބޭއްވި ބައްދަލުވުމުގައި އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޖޮސެފް ބޮރެއިގެ އިތުރުން ފަލަސްޠީނުގެ ބޮޑުވަަޒީރު މުޙައްމަދު މުޞްޠަފާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ސްޕެއިނާއި, ނޯވޭއާއި ސްލޮވީނިޔާ ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދޭނެ ވަކި ތާރީޚަކާއި, އެ ކަމަށް މަސައްކަތް ކުރާނެ ތާވަލެއް އިޢުލާނު ކުރުމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

"އަޅުގަނޑުމެން މި ބައްދަލުކުރީ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނެސް, ފަލަސްޠީނާއި އިސްރާއީލުގެ ރައްޔިތުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމުގެ ގޮތުން. އެ ގޮތް ވަރަށް ސާފު. އެއީ, [ފަލަސްޠީނާއި އިސްރާއީލުގެ] މިނިވަން ދެ ދަޢުލަތް ޤާއިމު ކުރުން،" ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބާރޭސް ވިދާޅުވިއެވެ.

ސްޕެއިންގައި ބޭއްވި ބައްދަލުވުމުގައި ޒަޔަނިސްޓު ދަޢުލަތުން ބައިވެރިވެފައި ނެތް ނަމަވެސް އަލްބާރޭސް ވިދާޅުވީ "ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރިއަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި, ތާވަލެއް އެކުލަވައިލައި" ދެ ދަޢުލަތް ޤާއިމު ކުރުމަށް ބައްދަލުވުމުގެ ބައިވެރިން އެއްބަސްވާ ކަމުގައެވެ. އަދި, އެންމެ ފުރަތަމަ ފިޔަވަޅަކީ އދގެ މެންބަރު ކަން ފަލަސްޠީނަށް ދިނުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އިސްރާއީލަށް އަރުވާފައި ނެތް ނަމަވެސް އަލްބާރޭސް ވިދާޅުވީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ދެމެހެއްޓެނި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުވުމާ ގުޅޭ ގޮތުންނާއި ދެ ދަޢުލަތް ޤާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރިމަގުގައި ބާއްވާ ބައްދަލުވުންތަކުގައި އިސްރާއީލުގެ މަންދޫބުން ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ފަލަސްޠީނުގެ ކުރިމަގާ ގުޅޭ ގޮތުން ސްޕެއިންގައި މުހިންމު ބައްދަލުވުމެއް ބާއްވާފައި މި ވަނީ, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަމުންދާ ޤައުމުތަކުގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ޤައުމުތައް ކަމުގައިވާ ސްޕެއިނާއި ނޯވޭގެ އިތުރުން އަޔަލެންޑު ހިމެނެއެވެ. އެ ޤައުމުތަކުން ޤަބޫލު ކުރާ ގޮތުގައި އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށެވެ. މިއާ އެކު, އދގެ 193 މެންބަރު ޤައުމުގެ ތެރެއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ޤައުމުތަކުގެ ޢަދަދު 146އަށް އަރައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވެސް ވިދާޅުވީ, ފަލަސްޠީނާއި އިސްރާއީލުގެ މިނިވަން ދެ ދަޢުލަތް ޤާއިމު ކޮށްދިނުމަކީ މެދުއިރުމަތީގެ މަސްރަޙަށް އޮތް އެންމެ ރަނގަޅު ޙައްލު ކަމުގައެވެ. 1991ވަނަ އަހަރު ބޭއްވި މެޑްރިޑް ކޮންފަރެންސްގެ އިތުރުން 1995ގެ އޮސްލޯ އެއްބަސްވުމުގައި ވެސް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރުތަކުން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ. އެ ކަން ހުއްޓުވަން އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. އެ ކަމަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ, އަދި ސުލްޙައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު, ފަލަސްޠީނުގެ މުސްލިމުންނާއި އިސްރާއީލުގެ ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް އިތުރު ހިތްވަރަކާ އެކު ފަށާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް, ޤަޠަރާއި މިޞްރުން ވިލަރެސް ކުރަމުންދާ މަޝްވަރާތަކަށް ނިރުބަވެރި ނަތަންޔާހޫ ދަނީ ހުރަސް އަޅަމުންނެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުންނެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. ޔަހޫދީން ވަނީ ފަލަސްޠީނުގެ މުސްލިމުން އަޅުވެތިކޮށްފައެވެ—ދަނީ އެ މީހުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. ފަލަސްޠީނުގެ ގިނަ ބިންތަކެއް ޔަހޫދީ ފައުޖުން ގަދަ ބާރުން ފޭރިގަނެފައިވާއިރު, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިސްރާއީލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, އެ މީހުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމަކީ ޣައިރު ޤާނޫނީ ވެރިކަމެއްގެ ގޮތުގައި ޖުލައި މަހު އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ ކަނޑައަޅާފައެވެ. އަދި, ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް ޔަހޫދީންގެ މައްޗަށް އަމުރު ކޮށްފައެވެ. ކުރިއަށް އޮތް އދގެ ޢާންމު މަޖިލީހުގައި އެ ކަމާ މެދު ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ. ނަމަވެސް, ޔަހޫދީން ވަނީ އެ ކޯޓުގެ އަމުރުތައް ބޮލާލާ ޖަހާފައެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,118އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,125އަށް އުފުލިފައެވެ.