ކުޅިވަރު

ފުޓްބޯޅަ ސީޒަން ފެށެން އޮތީ ފައިސާގެ ކަންކަން ހައްލުވެގެން: ވަޒީރު ރާފިޢު


މެދުކެނޑިފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަލުން ފެށެން އޮތީ ކުލަބު ލައިސަންސިން ފުރިހަމަކޮށް، ފައިސާގެ ކަންކަން ހައްލުވެގެން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމުނު ދިވެހި ޕްރިމިއާ ލީގުގެ ފަހުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން މުބާރާތެއް ކުޅެފައެއް ނުވެއެވެ. އޭގެ ފަހުން މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންދަން ނިންމާފައެވެ. އަދި މި ފަހުން ފީފާއިން ވަނީ ނޯމަލައިޒިން ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ޒުހޫރު ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވިދާޅުވީ ފީފާގެ ބޭފުޅުންނާ މަޝްވަރާކުރެވި، ނޯމަލައިޒިން ކޮމެޓީ އެކުލަވާލެވިފައިވާއިރު، އެ ކޮމިޓީން މިހާރު ޓީމުތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ކުލަބުތަކުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކުގެ ތަފުސީލު ނޯމަލައިޒިން ކޮމިޓީގެ ފަރާތުން ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި މީގެ ކުރިން އެފްއޭއެމް އިން ކުލަބުތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރުމާއެކު، ކުލަބުތަކަށް ކުޅުންތެރިންނަށް ފައިސާ ނުދެވި، ކުލަބު ލައިސަންސިން ފުރިހަމަ ނުކުރެވި އޮތް އޮތުންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކްލަބު ލައިސަންސް އައުކުރެވޭނެ ގޮތެއް ހޯދުމަށް ނޯމަލައިޒިން ކޮމިޓީ އާއި، ފީފާ އަދި ވުޒާރާއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކު އެކަން ކުރެވެން އޮތީ ފައިސާގެ ކަންކަން ހައްލުވެގެން ކަމަށާއި، ލީގުގެ ކުޅުން ފެށެން އޮތީވެސް އެކަން ހައްލުވެގެން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ތެރެއިން ކުލަބު ލައިސަަންސިން ފުރިހަމަކުރި ހަމަައެކަނި ކުލަބަކީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން އެންމެ ފަހު ހަތަރު އަހަރު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެކަމަކު އެ ޓީމަށްވެސް އެފްއޭއެމް އިން ލިބެން ޖެހޭ ފައިސާ ދެ މިލިޔަނަށް ވުރެ އިތުރެވެ. އުނދަގޫ ހާލަތެއްގައިވެސް މާޒިޔާ އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި އޮންނަ އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވަމުންނެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވާއިރު، ފީފާއިން މި އަހަރުގެ ޖޫން މަހު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައެވެ.