ޚަބަރު

އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރަން ޚާއްޞަ ވެކްސިނަކަށް ހުއްދަ ދީފި


ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވޭނެ ޚާއްޞަ ވެކްސިނަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހުއްދަ ދީފިއެވެ. ބެވޭރިޔަން ނޯޑިކް ކުންފުނިން އުފައްދާފައިވާ ވެކްސިނަށް ޑަބްލިޔުއެޗްއޯން ދީފައި ވަނީ ޕްރީކޮލިފިކޭޝަން ހުއްދައެކެވެ. މާނައަކީ, އެއީ ރައްކާތެރި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއް ކަން އެ އިދާރާއިން ބަލައިގަނެފައިވުމެވެ.

އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޚާއްޞަ ކޮށްފައިވާ ވެކްސިނަކަށް ޑަބްލިޔުއެޗްއޯން ހުއްދަ ދީފައި މި ވަނީ, އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އޮގަސްޓު މަހުގެ ކުރީކޮޅު ޑަބްލިޔުއެޗްއޯން ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ.

މި ވަގުތު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. 2023 ޖަނަވަރީން ފެށިގެން ކޮންގޯގައި ބަލި ފެތުރެމުންދާއިރު, އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކުން ވެސް ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. މި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ އިތުރު ޤައުމުތަކުގެ ތެރޭގައި މަޣުރިބާއި, އިންޑިޔާއި, ބަންގްލަދޭޝާއި, ޕާކިސްތާނުގެ އިތުރުން ތައިލެންޑާއި ސްވިޑެން ހިމެނެއެވެ.

"އެމްޕޮކްސަށް ޚާއްޞަ ކޮށްފައިވާ ވެކްސިނަށް ފުރަތަމަ މަރުޙަލާގެ ޕްރީކޮލިފިކޭޝަން ހުއްދަ ދިނުމަކީ, ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެޅުނު މުހިންމު ފިޔަވަޅެއް. ޚާއްޞަކޮށް އެފްރިކާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި, ކުރިމަގުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް،" ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ޕްރީކޮލިފިކޭޝަން ހުއްދައާ އެކު, ވެކްސިންތަކުގެ ރައްކާތެރިކަން ދެނެގަތުމުގެ ތަހުލީލުތައް ހެދުމުގެ ޤާބިލުކަން ނެތް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ހޯދުމުގެ މަގު ފަހިވެގެން ދާނެއެވެ. އދގެ އިދާރާތަކުން ވެސް ވެކްސިނާއި ބޭސްފަރުވާއަށް ބޭނުންވާ އެހެނިހެން ސާމާނު ގަންނަނީ, ޑަބްލިޔުއެޗްއޯގެ ހުއްދަތަކަށް ބަލައިގެންނެވެ.

ބެވޭރިޔަން ނޯޑިކް ކުންފުނިން އުފައްދާފައިވާ ވެކްސިން, ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް މީގެ ކުރިން ވެސް ވަނީ ހުއްދަ ދީފައެވެ. މި ވަގުތު އެންމެ ހަލުވުކަމާ އެކު ބަލި ފެތުރެމުންދާ ކޮންގޯއަށް މި ވެކްސިންގެ ޑޯޒްތަކެއް ހަދިޔާ ކޮށްފައިވާއިރު, އެ ޤައުމުން ބުނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެކްސިން ކެމްޕޭނެއް ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމުގައެވެ.

ޑަބްލިޔުއެޗްއޯގެ އެމްޕޮކްސް އެމަރޖެންސީ ކޮމިޓީގެ ވެރިޔާ ޑިމީ އޮގޮއިނާ ވިދާޅުވީ, ވެކްސިނަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް ޖާދުލެއް ފަދަ ވަސީލަތެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ނެތް ކަމުގައެވެ. އަދި, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް, ބަލި ޖެހިފައިވާ މީހުންނާ އެެއްތަންވެފައިވާ މީހުން ދެނެގަނެ, އެ މީހުން އެކަހެރި ކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމުގައެވެ. މީގެ އިތުރުން, ބައްޔާއި ވެކްސިނާ މެދު ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބެވޭރިޔަން ނޯޑިކް ކުންފުނިން އުފައްދާފައިވާ އެމްޕޮކްސް ވެކްސިނަކީ 18 އަހަރުން ދަށުގެ މީހުންނަށް ބޭނުން ކުރެވޭ ވެކްސިނެއް ނޫނެވެ. ނަމަވެސް, އެއީ ބައެއް ހާލަތްތަކުގައި ތުއްތު ކުދިންނާއި, ކުޑަކުދިންގެ އިތުރުން ޒުވާން އުމުރުފުރައިގެ ކުދިންނާއި މާބަނޑު އަންހެނުންނަށް ބޭނުން ކުރެވިދާނެ ވެކްސިނެކެވެ. ނެދަލެންޑްސްގެ ކުންފުނިން ބުނީ, 2025ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިންގެ 13 މިލިޔަން ޑޯޒު އުފައްދައި, ފޯރުކޮށްދެވޭނެ ކަމުގައެވެ.

އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރަން ޚާއްޞަ ކޮށްގެން ޖަޕާނުގެ ކޭއެމް ބަޔޮލޮޖިކްސް ކުންފުނިން އުފައްދާފައިވާ ވެކްސިނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ޑަބްލިޔުއެޗްއޯން މި ވަގުތު ދަނީ ތަހުލީލުތައް ހަދަމުންނެވެ. އެއީ, ކުޑަކުދިންގެ ހަށިގަނޑަށް ވެސް ރައްކާތެރިވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ވެކްސިނަކަށްވާއިރު, އެ ވެކްސިން ޖަހައިދިނުމަށް ވަކިން ޚާއްޞަ ކޮށްފައިވާ އާލާތްތަކެއް ބޭނުން ކުރަން ޖެހެއެވެ.