ކުޅިވަރު

ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތް: 100 މީޓަރު ރިލޭއިން އަންހެން އަދި ފިރިހެން ޓީމަށް ލޯ މެޑެލް


އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑެލް ހޯދައިފިއެވެ.

ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގައި މިއަދު ރާއްޖޭގެ ފިރިހެން ޓީމުން ވަނީ 100 މީޓަރު ރިލޭ 41.98 ސިކުންތުން ނިންމާފައެވެ. ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނީ ހުސެއިން ޒީކް ސުއާދާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޒުއިޒް މުޙައްމަދު ސުއާދު އަދި މުޙައްމަދު މިންހާލް ޝާމިންއެވެ. މި އިވެންޓުން ރަން މެޑެލް ހޯދާފައިވަނީ ސްރީ ލަންކާއިންނެވެ. އެ ޓީމުން ވަނީ 40.28 ސިކުންތުން ރޭސް ނިންމާފައެވެ. އަދި ރިހި މެޑެލް ހޯދި އިންޑިއާގެ ޓީމުން ރޭސް ނިންމާފައިވަނީ 40.76 ސިކުންތުންނެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދިޔަ އަންހެނުންގެ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖެ ލޯ މެޑެލް ހޯދާފައިވަނީ 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓީމުގައި ހިމެނުނު ދުވުންތެރިންނަކީ ހައްވާ މުޒްނާ ފާއިޒާއި، އަހުނާ ނިޒާރާއި، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީއެވެ. މި އިވެންޓުން ރަން މެޑެލް ހޯދާފައިވަނީ އިންޑިއާ އިންނެވެ. އެ ޓީމުން ވަނީ 45.08 ސިކުންތުން ރޭސް ނިންމާފައެވެ. އަދި ރިހި މެޑެލް ހޯދި ލަންކާގެ ޓީމުން ރޭސް ނިންމާފައިވަނީ 46.48 ސިކުންތުންނެވެ.

މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުން ރާއްޖެއަށް ދެ ލޯ މެޑެލް ލިބުނުއިރު، މެޑެލް ލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ. އެ ގައުމުން 48 މެޑެލް ހޯދިއިރު، 21 ރަން މެޑެލް ވަނީ ހާސިލުކޮށްފައެވެ. އަދި ދެވަނައަށް ދިޔަ ލަންކާއިން 35 މެޑެލް ހޯދިއިރު، އެ ގައުމުގެ އެތުލީޓުން ވަނީ ނުވަ ރަން މެޑެލް ހާސިލުކޮށްފައެވެ. މީގެ އިތުރުން މި ލިސްޓުގެ ތިންވަނަ މަގާމު ހޯދި ބަންގްލަދޭޝްއިން ވަނީ ތިން ލޯ މެޑެލް ހާސިލުކޮށްފައެވެ. ރާއްޖެ ހަތަރުވަނައަށް ދިޔައިރު، ފަސްވަނައިގައި ނިންމި ނޭޕާލަށް ލިބިފައިވަނީ އެންމެ ލޯ މެޑެއްޔެކެވެ.

މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ. މުބާރާތުގައި ދިވެހި އެތުލީޓުން ގިނަ ރިކޯޑުތަކެއްވެސް ގާއިމުކުރިއިރު، މިންހާލް ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރިކޯޑު ގާއިމުކޮށްފައެވެ. އަދި އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރިކޯޑު އަހުނާ ގާއިމުކުރިއިރު، ޒީކް އަޝްރަފް ރަޝީދު ވަނީ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރިކޯޑު އައުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ދެ މެޑެލް ހާސިލުކުރިއިރު، މީގެ ކުރިން ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ތިން މުބާރާތުގައި ވާދަކޮށް ރާއްޖެއިން ވަނީ ފަސް މެޑެލް ހާސިލުކޮށްފައެވެ. އެއީ ސްރީ ލަންކާ ކޮލަމްބޯގައި 2007 އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތްތަކާއި، 2013 ވަނަ އަހަރު އިންޑިއާގެ ރާންޗީގައި ބޭއްވި މުބާރާތުންނެވެ.