ޚަބަރު

ޣައްޒާ ދޫކޮށް ދިޔުމުގެ ފުރުޞަތު ޙަމާސްގެ ސިންވާރަށް ދޭން ވިސްނަނީ


ފަލަސްޠީިނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްޔާ އަލް-ސިންވާރަށް ޣައްޒާ ދޫކޮށް ދިޔުމުގެ ފުރުޞަތު ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަން ޔަހޫދީން ހާމަ ކޮށްފިއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ މަންދޫބެއްގެ ގޮތުން މަސައްކަތް ކުރާ ގާލް ހީރްޝެވެ.

އެމެރިކާގެ ބްލޫމްބަރގް ނޫހަށް ދިން ބަސްދީގަތުމެއްގައި ހީރްޝު ބުނީ, އަސީރުން މިނިވަން ކުރަން ޙަމާސުން އެއްބަސްވެއްޖެ ނަމަ, ޣައްޒާ ދޫކޮށް ދިޔުމުގެ ފުރުޞަތު ސިންވާރަށް ދިނުމަށް ޔަހޫދީން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި އޭނާގެ ޢާއިލާގެ މެންބަރުންނަށް ވެސް ޣައްޒާ ދޫކޮށް ދިޔުމުގެ ފުރުޞަތު ދޭން ތައްޔާރަށް އޮތް ކަމުގައެވެ.

ހީރްޝު ބުނީ, އެ ކަން ޙަމާސް ޖަމާޢަތަށް ހުށަހަޅާފައިވާނެ ކަމުގައެވެ. ނަމަވެސް, އެ ކަމާ މެދު ޙަމާސުން ޖަވާބެއް ދީފައިވާ ކަން ސާފު ކޮށްދޭން އޭނާ ދެކޮޅު ހެދިއެވެ. ޣައްޒާ ދޫކޮށް ދިޔުމުގެ ފުރުޞަތު ސިންވާރަަށް ދިނުމުން, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރަން ޙަމާސުން އެއްބަސްވެއްޖެ ނަމަ, ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރަން ޔަހޫދީން އެއްބަސްވާން ތައްޔާރަށް އޮތް ކަމުގައި ވެސް އޭނާ ބުންޏެވެ.

ނަމަވެސް, އެއީ ޙަމާސުން އެއްބަސްވާނެ ހުށަހެޅުމެއް ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްކުން ދެކެއެވެ. ސަބަބަކީ, ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޙަމާސްގެ އިސްވެރިން ޝަހީދު ކުރަން ޔަހޫދީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކެވެ. ސިންވާރުގެ ކުރިން ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަޤާމު ފުރުއްވި އިސްމާޢީލް ހަނިއްޔާ ވެސް ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީންގެ ޙަމަލާއެއްގައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.

މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މިހާރު ވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. އެމެރިކާގެ އެހީތެރިކަމާ އެކު, ޤަޠަރާއި މިޞްރުން, މެދުވެރިއެއްގެ ދައުރު އަދާ ކުރާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައި ނެތީ ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅަމުންދާތީއެވެ.

ޔަހޫދީންގެ އަޅުވެތި ކަމަށް ކެތް ނުކުރެވިގެން 2023 އޮކްޓޫބަރު 7ގައި ޙަމާސްގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާގެ އިސް މޭސްތިރިއަކީ ސިންވާރު ކަމަށް ޔަހޫދީ ފައުޖުން ތުހުމަތު ކުރެއެވެ. ޣައްޒާ ދޫކޮށް އެހެން ޤައުމުތަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުޞަތު ޙަމާސްގެ އިސްވެރިންނަށް އޮތް ކަމުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫ ވެސް ކުރިން ބުނެފައިވެއެވެ. ނަމަވެސް, ހަތިޔާރު ތިރިކޮށް, އަމާން ދިނުމަކީ އޭގެ ޝަރުޠެއް ކަމަށް މޭ މަހު ޕޮޑްކާސްޓަކަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުންޏެވެ.

އިތުރު އައު ޝަރުޠުތަކަކާ ނުލައި ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރަށް އޮތް ކަން ޙަމާސުން ދާދި ފަހުން ވަނީ ހާމަ ކޮށްފައެވެ. އެ ޖަމާޢަތުން ބުނީ, ހުސްވި މަހު ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަންނަ ކަމަށާއި, އެ ހުށަހެޅުންތަކަށް އެެއްވެސް ފަރާތަކުން އުނިއިތުރު ނުގެންނަ ގޮތަށް ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރަށް އޮތް ކަމުގައެވެ.

ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މި ވަގުތު ދެބަސްވުންތައް އުފެދިފައި އޮތް މައްސަލަ ގުޅެނީ ފިލަޑެލްފީ ކޮރިޑޯއާއެވެ. އެއީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގެވެ. ޢުދުވާންތައް ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯން ޔަހޫދީ ސިފައިން ބާލަން ނިރުބަވެރި ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ޙަމާސުން ޝަރުޠު ކޮށްފައި ވަނީ, ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ފަލަސްޠީނުގެ މުސްލިމުންގެ އަތް މައްޗަށް ދޫކޮށްލުމަށެވެ.

އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތަކަށް އެއްބަސްވާން ތައްޔާރަށް އޮތް ކަން ޙަމާސުން ހާމަކޮށްފައިވީ ނަމަވެސް, މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސް ވިދާޅުވީ, އެމެރިކާއިން އަނެއްކާ ވެސް އައު ހުށަަހެޅުންތަކެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމުގައެވެ. މިއީ, ޔަހޫދީން ބުނެގެން, އެއްބަސްވުމެއް އެކުލަވައިލިޔަ ނުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,118އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,125އަށް އުފުލިފައެވެ.