ޚަބަރު

މަޣުރިބުން ވެސް އެމްޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެ


އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލި ޖެހިފައިވާ މީހަކު މަޣުރިބުން ފެނިއްޖެއެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ބަލި ޖެހިފައިވާ މީހާ ފެނިފައި ވަނީ އެ ޤައުމުގެ ހުޅަނގުގައި އޮންނަ މަރާކިޝުން ކަމުގައެވެ.

އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. 2023 ޖަނަވަރީން ފެށިގެން ބަލި ފެތުރެމުންދާ ކޮންގޯއާ އިންވެގެން އޮންނަ ބައެއް ޤައުމުތަކަށް ވެސް މިހާރު ބަލީ ފެތުރެން ފަށާފައެވެ.

މަޣުރިބުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބަލި ޖެހިފައިވާ މީހާ އެކަހެރިކޮށް ފަރުވާ ދެމުންދާ ކަމުގައެވެ. އަދި, އޭނާގެ ޞިއްޙީ ހާލު ރަނގަޅު ކަމުގައި ވެސް އެ ވުޒާރާއިން ހާމަ ކުރިއެވެ. ނަމަވެސް, އޭނާއަށް ބަލި ޖެހިފައި ވަނީ ބަލީގެ ކޮން ވޭރިއެންޓެއްގެ ސަބަބުން ކަން ހާމަކޮށްފައެއް ނެތެވެ. މި ވަގުތު އެފްރިކާގެ ޤައުމުތަކުގައި ބަލި ފެތުރެމުން ދަނީ ކްލޭޑް 2 ވޭރިއެންޓުގެ ސަބަބުން ކަމަށް ޞިއްޙީ މާހިރުން ބުންޏެވެ.

އިންޑިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ދާދިފަހުން ދެނެގަނެވިފައިވެއެވެ. އިންޑިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބަލި ފެނިފައި ވަނީ ބޭރު ޤައުމަކަށް ދަތުރު ކުރުމަށް ފަހު އެނބުރި އައި މީހެއްގެ ފުށުން ކަމުގައެވެ. އެފްރިކާ ބައްރުގެ ބައެއް ޤައުތަކުގައި ހަލުވިކަމާ އެކު އެމްޕޮކްސް ބަލި ފެތުރެމުން ދާތީ ހުސްވި އޮގަސްޓު މަހުން ފެށިގެން އިންޑިޔާގައި ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެެވެ.

މި ނުރައްކާތެރި ބަލި މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ, އަދި އެ ޤައުމާ އިންވެގެން އޮންނަ ޤައުމުތަކުގައެވެ. މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ. އަދި, 5,041 މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އޭގެ ތެރެއިން 655 މީހުން ވަނީ މަރުވެފައެވެ. އެފްރިކާ ބައްރުގެ ޤައުމުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޢަދަދަކަށް ވެކްސިން ލިބެން ނެތުމެވެ.

އެފްރިކާގެ ޤައުމުތަކަށް ބޭނުންވާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ވަނީ ބޮޑު އޯޑަރެއް ޖަހާފައެވެ. އަދި, ވެކްސިން ހަދިޔާ ކުރުމަށް ވެކްސިން އުފައްދައި ގުދަން ކޮށްފައިވާ ޤައުމުތަކަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަނީ ކޮންގޯއަށް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ.

ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ކޮންގޯގެ އިތުރުން ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ބުރުންޑީގައެވެ. އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1,000އަކަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާއިރު, ނައިޖީރިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 868 މީހުން ވަނީ ފެނިފައެވެ. އެފްރިކާގެ ޤައުމުތަކުގެ އިތުރުން މިހާތަނަށް ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި އުރުދުނާއި, ތައިލެންޑާއި, ބަންގްލަދޭޝްގެ އިތުރުން ސްވިޑެން ހިމެނެއެވެ.