ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދ،ު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
މިފަހުމުނާމާއަކީ ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކޮށ،ް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިފަހުމުނާމާގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވ،ި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ ދެ ޤައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެކަމަށެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމާއ،ި ބައިނަލްއަޤްވާމީ މުހިންމު ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށްވަނީ ބަދަހިވެގެންގޮސްފައެވެ. އަދި އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންގއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެޤައުމުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢަމާލާތު ކުރެވެއެވެ. އަދި މިވަގުތ،ު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.