ތަޢުލީމީ ޙަޔާތް ކާމިޔާބުކޮށް ދިރިއުޅުމުގެ ފުރަތަމަ މައިދާނުގައި މޮޅު ކުއްޖަކަށްވުމަކީ ކޮންމެ ކުއްޖެއްގެވެސް ފުރަތަމަ އަމާޒެވެ. އެމަރުހަލާގައި ސާނަވީ އަދި މަތީ ސާނަވީގެ އިތުރުން ކީރިތި ޤުރުއާން ތަރުތީލު މަގުން ކިޔަވާ މޮޅު ކުއްޖެއްގެ ގޮތުގައި ވިދާލުމަކީ މަދު ކުއްޖަކަށް ވާޞިލުވެވޭ ދަރަޖައެކެވެ. މަތީ އަރުތަވެރިންގެ ރޭގަނޑުގެ ދަންފަޅީގައި ސްޓޭޖުމަތިން އޭލެވެލްގެ ޤައުމީ ގަދަ 10 އެއްގެ 4 ވަނައިގައި ހިމެނިގެން ވަނަ ހޯދާފައިވަނީ ޕީއެސްއެމްގެ ފޮރިން ޑެސްކުގައި މަސައްކަތްކުރަމުން އަންނަ ފާތިމަތު މަލަކް އާޒިމްއެވެ.
މަތީ ތަޢުލީމުގެ ހަޔާތް ފެށުމަށް ބޭނުންވާ އެންމެ މުހިންމު ނަތީޖާއަކީ މަތީ ސާނަވީ މަރުހަލާގައި ހޯދާ ނަތީޖާއެވެ. މިނަތީޖާ ރަނގަޅުކުރުމަށް ގިނަ ކުދިން ގަދައަޅާ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނި ރީތި ނަން ހޯދުމުގެ ލިސްޓުން ޖާގަ ލިބެނީ މަދު ކުއްޖަކަށެވެ. އޭގެތެރެއިން އެއްކުއްޖަކީ ފާތިމަތު މަލަކް އާޒިމެވެ.
ސާނަވީ ދައުރު ނިންމާ މަތީ ސާނަވީގައި މަލަކުވަނީ ސްކޫލްގެ އިތުރު ޙަރަކާތްތަކާއި ދުރަށް ޖެހި ކިޔެވުމަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައެވެ.
އޯލެވެލް އަޅާބަލާއިރު އޭލެވެލްވީ މަލަކަށް ކުރިމަތިވީ ޗެލެންޖަކަށެވެ. މަލަކްގެ ތަޢުލީމީ ހަޔާތުގައި ލިބުނު ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ އެހީތެރިކަމާއި ޤުރުބާނީއެވެ.
ހަމައެއާއެކު މަލަކްގެ މުދައްރިސުންނާއި އެންމެ ގާތް އެކުވެރިޔާގެ އެހީތެރިކަންވަނީ ލިބިފައެވެ. އުއްމީދުނުކޮށް ހުރިނަމަވެސް ނަތީޖާ ހީކުރިވަރަށްވުރެ ރަނގަޅުވެ ހައި އެޗީވަރސް ސްކޮލަރޝިޕްވެސް މަލަކަށްވަނީ ލިބިފައެވެ. މަލަކްގެ އަމާޒަކީ މަތީ ތަޢުލީމަށްފަހު ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ދާއިރާއަށް ނުކުމެ ޤައުމަށް ޚިދުމަތް ކުރުމެވެ.
މަލަކްގެ ތަޢުލީމީ ޙަޔާތާއި ދިރިއުޅުމުގެ އެހެން ކަންކަން ކާމިޔާބު ކުރުމުގައިވެސް އެންމެ ބޮޑު ސިއްރަކީ ކީރިތި ޤުރުއާނާއި އޮތް ގުޅުން ކަމަށް މަލަކް ފާހަގަކުރެއެވެ. އެގޮތުން ރީތިކޮށް ޤުރުއާން ކިޔެވުމުގެ ޝައުގާއެކު މަލަކްވަނީ ސްކޫލް ދައުރުގައި ޤުރުއާން ކިޔެވުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ވަނަ ޙާސިލްކޮށްފައެވެ. މަލަކުގެ ކުޑައިރުގެ އެންމެ ބޮޑު ހުވަފެނަކީ ޤައުމީ ޤުރުއާން މުބާރާތުން ވަނަ ހޯދުމެވެ. އެގޮތުން މަލަކްވަނީ 2023 ވަނަ އަހަރުވެސް އަދި 2024 ވަނަ އަހަރުގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުންވެސް ވަނަ ހޯދާފައެވެ. އަދި 2023 ވަނަ އަހަރު އޭރު ބައިވެރިވި ޢުމުރުފުރާއިން 3 ވަނަ ހޯދާފައިވާއިރު މިއަހަރުގެ މުބާރާތުންވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން 30 ފޮތުގެ ބައިން 1 ވަނަ ޙާސިލުކޮށްފައެވެ.
ޕީއެސްއެމްގެ ފޮރިން ޑެސްކުގައި މަސައްކަތް ކުރަމުން އަންނަ މަލަކް ބުނީ އޮފީސް މާހައުލަކީ އޭނާއަށް މަސައްކަތް ކުރަން ފަސޭހަ އަދި ހިތްހެޔޮ ގިނަ މޫނުތަކެއް ފެންނަ ތަނެއްކަމަށެވެ. އަދި އެކުގައި ކިޔެވި އެކި ކުދިން އެކި އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންނައިރު އެކުދިންނަށްވުރެ ރަނގަޅު މާޙައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ މަލަކްހުރީ ހިތްހަމަޖެހިގެންނެވެ.
ޕީއެސްއެމުން އެދެނީ މަލަކަށް އަބަދުވެސް ކާމިޔާބީއަށެވެ.