މެންޗެސްޓާ ސިޓީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއަރ ލީގުން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައިވެސް ބަލާ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ބެލެވޭ މި މައްސަލައަކީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ޕްރިމިއާ ލީގާއި ދެމެދު ކުރިއަށްދާ މަސައްލައެކެވެ.
2009 ވަނަ އަރުން ފެށިގެން ސިޓީން ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި ޚިލާފު ވެފައިވާކަމަށް ބުނެ ބަލަމުންދާ މި މައްސަލައިގައި ސިޓީ އާއި ދެކޮޅަށް 115 މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ޕްރިމިއާ ލީގުން މި މައްސަލަ މީގެ 18 މަސް ދުވަސް ކުރިން ބަލަން ފަށާފައިވާއިރު، ސިޓީގެ މި މައްސަލަ ބެލުމަށް މިހާރު ވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހޯމަ ދުވަހު މި މައްސަލަތައް ބަލަން ފެށި ނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ކޮން ތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި 10 ހަފްތާއަށް ދިގު ދެމިގެންދާނެކަމަށް ބެލެވޭ މި އަޑުއެހުންތަކަށްފަހު ގޮތެއް ނިންމާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ވަނީ ބެލެވިފައެވެ.
ޕްރިމިއާ ލީގުން ބަލާ މި މައްސަލައިގައި 14 ސީޒަނެއްގެ ތެރޭގައި ސިޓީން މާލީ ރަގަޅު މައުލޫމާތު ދީފައިނުވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ހުރިހާ މައްސަލަތަކަށް ސިޓީން ވަނީ ދެކޮޅު ހަދާފަ އެވެ.
މި މައްސަލަ ސިޓީ އާއި ދެކޮޅަށް ނިމިއްޖެނަމަ, އެ ކްލަބުގެ ޕޮއިންޓްތައް ކެނޑުމުގެ އިތުރުން ރެލިގޭޝަނުގެ ބިރުވެސް ވަނީ ކުރިމަތިވެފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ސިޓީން ވަނީ ޕްރިމިއާ ލީގު ހަތަރު ފަހަރު މަތިން ކާމިޔާބުކޮށްފަ އެވެ.
ސިޓީގެ މައްސަލަތަކެއް ބަލަމުންދާއިރު އެ ކްލަބުން ވަނީ ކްލަބްތަކަށް ސްޕޮންސަރޝިޕް ހޯދުމުގައި ހަމަހަމަ އުސޫލުތަކެއް ޕްރިމިއާ ލީގުން ނުގެންގުޅޭ ކަމަށްބުނެ ޕްރިމިއާ ލީގާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައެވެ.