ޚަބަރު

ކަނޑު އުޅަނދުތައް ބަލާ ފާސްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި


އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުގެ އުޅަނދުތައް ޗެކް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފަށްޓަވައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މުދާ އުފުލާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަވޭތޯ ބެލުމާއި، ފުރާދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ މިންގަޑަށްވުރެ އިތުރަށް މުދާ އުފުލާތޯ ބައްލަވާނޭކަމަށެވެ. އަދި އޮޑިދޯނިފަހަރުގައި ބޭނުންކުރާ މުވާޞަލާތީ އާލާތްތައް މަސައްކަތްކުރޭތޯ ބެލުމާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭ ގޮތްތައް އޮޅުންފިލުވައިދިނުމާއި އަދި ޖީޕީއެސްފަދަ އާލާތްތަކަށް މައްސަލައެއް ދިމާވެފައިވޭތޯ ބެލުން ފަދަ ކަންކަންވެސް މިޕްރޮގްރާމްގެ ދަށުން ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14647641110986.jpg|ކޯސްޓްގާޑުން އުޅަނދުތައް ޗެކްކުރުމުގައި ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

ކޯސްޓްގާޑުން ވިދާޅުވީ އުޅަނދުތަކުގައި ބޭނުންކުރާ އާލާތްތަކުގައި މައްސަލަ އުޅޭކަން ފާހަގަކުރެވިއްޖެނަމަ، އެފަދަ ކަންކަން ހައްލުކުރުމުގައި ކޯސްޓްގާޑުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ޗެކްކުރެވޭ އުޅަނދުތަކުގައި ޚާއްސަ ސްޓިކަރއެއް ޖެހުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މިޕްރޮގްރާމް ކުރިއަށްދާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އޮޕަރޭޝަން ފެށުމުގެ ގޮތުން މާލޭ ސިޓީ އުތުރުފަރާތު ހާބަރު ސަރަޙައްދުގައި ކުރިއަށްދިޔަ ޗެކްކުރުމުގެ ޕްރޮގްރާމް އަމަލީ ގޮތުން ފައްޓަވައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއެވެ.