ޚަބަރު

ރައީސްގެ މުޅި ދުވަސް ދަރިވަރުންނަށް؛ ހާމަކޮށްދެއްވީ ތައުލީމަށް ދެއްވާ އަހަމިއްޔަތުކަން


  • ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ފާހަގަކޮށްލެވޭ ކާމިޔާބީ ހާސިލުކުރި ދަރިވަރުންނަށް އިނާމު ދެއްވުމަށް ރައީސް ވަޑައިގެންނެވި

ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިއްމު ކަމަކީ ތައުލީމަށްވާއިރު، ތައުލީމް ހާސިލުކޮށްގެން ކުރިއަށްދިއުމަކީ ކޮންމެ ދަރިވަރެއް، އަދި ދަރިވަރެއްގެ ބެލެނިވެރިއެއްގެވެސް ހުވަފެނެކެވެ. އަދި ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭފަދަ ކާމިޔާބީތައް ހާސިލުކުރުމަކީ ކޮންމެ ދަރިވަރެއްގެވެސް އުއްމީދަށްވާއިރު، އެ ކާމިޔާބީ ފާހަގަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ.

ރާއްޖޭގައިވެސް ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހާސިލުކުރާ އެތައް ދަރިވަރުންނެއްް އެބަތިއްބެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީތައް އެތައް ދަރިވަރުންނެއް ހާސިލުކޮށްފައިވާއިރު، އެކަން ފާހަގަކުރެއްވުމަށް "މަތީ އަރުތަވެރިންގެ އިނާމު"ގެ ނަމުގައި ސަރުކާރުން އަންނަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަމުންނެވެ. މީގެކުރިން މި ރަސްމިއްުޔާތުގެ ކުރީ ސަފުން ފެންނަމުންދިޔައީ އެ ރަސްމިއްޔާތަކަށް އިނާމު ސްޕޮންސަރ ކުރި ފަރާތްތައް ނަމަވެސް، މިއަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ޖަލްސާގެ އެންމެ ކުރީ ސަފުން ފެންނަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޒީރުންނާއި އެހެންވެސް ދައުލަތުގެ އިއްޒަތްތެރިންނެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ދަރިވަރުން ހާސިލުކުރި ކާމިޔާބީ ފާހަގަކުރަން ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވީ އެމަނިކުފާނުގެ ރަސްމީ މަސައްކަތު ގަޑިން ވަގުތު ހުސްކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ސަރުކާރުގެ ވަޒީރުންވެސް އެމަނިކުފާނުގެ އަރިހުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ތިން ދަންފަޅިއަކަށް ބޭއްވުމަށް ނިންމާފައިވާއިރު، ހުރިހާ ދަންފަޅިއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ރައީސްގެ މުޅި ދުވަސް ހޭދަކުރެއްވީ ދިވެހި ދަރިވަރުން ތައުލީމީގޮތުން ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގައެވެ.

މީގެކުރިން ސަރުކާރުގެ އިސްވެރިން މިފަދަ ރަސްމިއްޔާތަކުން ފެންނަނީ ރޭގަނޑުނަމަވެސް، ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ސަރުކާރުގެ ރަސްމީ މަސައްކަތުގެ ގަޑިން ވަގުތު ހުސްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމަށް ދެއްވާ އަހަމިއްޔަތުކަން ހާމަވެގެންދާކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ތައުލީމީގޮތުން ދަރިވަރުން ހޯދަމުންދާ ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އިސްވެރިން ބޮޑު އަހަމިއްޔަތުކަމެއް ދެއްވާއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވީވެސް ތައުލީމީ ޖީލެއް ބިނާކުރުމުގެ މުހިއްމު ވައުދާއެކުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުހާތަބްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކޮންމެ ޤައުމެއްގައިވެސް ޢިލްމުވެރީންނަކީ، އެ ޤައުމެއްގެ އިންސާނީ ކިއްލާގެ އެންމެ އުސް ކުރިބޯށިތައްކަމަށެވެ. އަދި ކޮންމެ ދާއިރާއެއްގައިވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަން ކުރައްވާ، ޤަދަރާއި ކަމޭހިތުން ދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އަދި އެފަދަ ކޮންމެ ނިތަކީ، އެމަނިކުފާނުގެ ގާތުގައި، އުޖާލާ ތަރިއެއްކަމަށް ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެގެންދަވަނީ ބަހާއި އަމަލުން އެކަން ސާބިތުކޮށްދެއްވަމުންނެވެ.