ކުޅިވަރު

"ރާއްޖޭގެ ފަސްގަނޑުގައި ނޫނަސް ރަން މެޑެލް ހޯދާނަން، އުއްމީދު ކަނޑާނުލާ"


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލް މެޗުން ބަލިވެ ރަން މެޑަލް ގެއްލުނު ނަމަވެސް، މުސްތަގުބަލުގައި ރާއްޖެއަށް ރަން މެޑެލް ގެނެސްދޭނެ ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ވައިސް ކެޕްޓަން ފާތިމަތު ޖޫޒާން ޒަރީރް ބުނެފިއެވެ.

މި ފަހަރުގެ ފައިނަލުން ބަލިވެ ރާއްޖެއަށް ރިހި މެޑަލް ލިބުނުއިރު، މިއީ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ތިންވަނަ ރިހި މެޑެއްޔެވެ. އެގޮތުން މި ފަހަރުގެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުގެ އިތުރުން 2019 ވަަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީ މުބާރާތާއި، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންވެސް ރާއްޖެއަށް ވަނީ ރިހި މެޑަލް ލިބިފައެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލުން ރާއްޖެ ބަލިވީ ކިރްގިސްތާން އަތުން 3-2 ސެޓުންނެވެ. އެ މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ އިތުބާރު ސެޓަރު ޖޫޒާން ބުނީ މި މުބާރާތުގެ ތަށި ކާމިޔާބުކުރެވޭނެ ކަމަށް ވަރަށް އުއްމީދުކުރި ކަމަށެވެ. އަދި ފައިނަލް މެޗުގައި ސަޕޯޓަރުންގެ 100 އިންސައްތަ ފެނިގެންދިޔަ ނަމަވެސް، ފަސްވަނަ ސެޓު ގެއްލުނީ ހިތްވަރުކުރަން ޖެހޭ ދަނޑިވަޅުގައި އެކަން ނުކުރެވުމުން ކަމަށެވެ.

މީގެ އިތުރުން ފައިނަލުގައި ކުޅުނު ކިރްގިސްތާން ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމާ މެދު އުފާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

"އަސްލު ބަލަން ތިބި މީހުންނަށް ނޭނގިދާނެ އެ މީހުންގެ ބްލޮކްތަކުގެ ފެންވަރު. އަދި މިއަދު އެ މީހުން ވަނީ އެންމެ ދިގު ކުޅުންތެރިންތައް ކުޅެން އަރުވާފައި. ފުރަތަމަ މެޗުގައި އެ މީހުންނާ ޖެހުނުއިރު އޮތް ސްޓާޓިން އެއް ނޫން މިއަދު އޮތީވެސް. އަސްލު އަހަރުމެންގެ މި އިސްކޮޅުގައި މި ފެންވަރަށް ކުޅެވުނީތީވެސް ވަރަށް އުފާވޭ." ޖޫޒާން ބުންޏެވެ.

ޖޫޒާން ބުނީ މި މުބާރާތުން ދިވެހީންގެ ހިތްތައް އަތުލައިގަނެވުނު ކަމަށް އުއްމީދުކުރާ ކަމަށާއި، މި ފަހަރުގެ މުބާރާތުން ރަން މެޑެލް ނުލިބުނު ނަމަވެސް، ދެން އަންނަ މުބާރާތުގައި, ރާއްޖޭގެ ފަސްގަނޑުގައި ނޫނަސް ރަން މެޑެލް ހޯދާތަން އެއްމެނަށް ދައްކައިދޭނެ ކަމަށެވެ.

"އިންޝާﷲ ދެން ފަހަރަކުން، މިހާރު އެހެން ކިޔާކިޔާ ވަރުބަލިވެއްޖެ. އެކަމަކުވެސް ދެން ފަހަރަކުން އިސްކޮޅަކީ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނަން. އިންޝާﷲ ރަން މެޑަލް ކަރުގައި އަޅާނެ. އުއްމީދު ކަނޑާނުލާ." ޖޫޒާން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ޖޫޒާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމު ހޯދާފައެވެ.