ޚަބަރު

ސައްޙަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ތައްޔިބުގެ ފޯނު ހިފަހައްޓައިފި


  • ތައްޔިބަކީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަޤާމެއް އަދާކުރި މީހެއް

ފުލުހުންގެ ނަމުގައި ސައްޙަ ނޫން ބަޔާނެއް ސޯޝަލް މީޑިއާގައި ދައުރުކުރި މައްސަލާގައި ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަޤާމެއްގައި އަދާކުރި ތައްޔިބް ޝަހީމްގެ ފޯނު ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތައްޔިބްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ކޯޓު އަމުރެއްގައި ދަށުން ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ތައްޔިބު ޝަހީމަކީ ނިމިދިޔަ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައިވެސް ހުރި ފަރާތެކެވެ.

ސޯޝަލް މީޑިއާގައި ފުލުހުންގެ ރިޕޯޓެއްކަމަށް ބުނެ ދައުރުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓެކެވެ.

ފުލުހުން ވިދާޅުވީ އެއީ ސައްހަ ރިޕޯޓެއް ނޫންކަމަށާއި އެ ރިޕޯޓްގައި ބޭނުންކޮށްފައިވާ ލެޓަރ ހެޑް ދިމާނުވާއިރު، ސޮއިވެސް ބޭނުންކޮށްފައިވަނީ ފޯޖްކޮށްގެންކަމަށެވެ. އެހެންކަމުން މި މައްސަލަ ސީރިއަަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.