ވިޔަފާރި

ހަ ރޯދަ ނިމެންދެން ޚާއްސަ މާރުކޭޓު ކުރިއަށްދާނެ


ރޯދަމަހު ހެޔޮއަގެއްގައި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ބާއްވާ ޚާއްސަ މާރުކޭޓު ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ފުރަތަމަ ހަ ރޯދަ ނިމެންދެން ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މި މާރުކެޓް ރާވައި ހިންގައި އިންތިޒާމްކުރުމަށް "މާވީ އިންވެސްޓްމަންޓާއި" ޙަވާލުކުރައްވާފައެވެ.

އަލިމަސްކާނިވާ ސަރަހައްދާ އިންވެގެން އޮންނަ ހުސް ބިމުގައި ބާއްވަވާ މި މާރުކޭޓުން މޭވާއާއި ތަރުކާރީއާއި ދަޅުގައި ބަންދުކޮށް އަދި ޕެކެޓުކޮށްފައި ހުންނަ ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި މަރުކޭޓުން ދޭން ހަމަޖެހިފައިވާ ޙާއްސަ ޙިދުމަތްތަކުގެ ތެރޭގައި، ބޭނުންވާ ހެދިކާއެއްގެ އޯޑަރ ދިނުމުން ވަގުތުން ތައްޔާރުކޮށްދިނުމާއި ވަގުތުން މަސް ފިހެދިނުން ފަދަ ކަންތައް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މާރުކޭޓު ކުރިއަށްދާނީ މެންދުރުފަހު 2 އިން މެންދަމު 1 ޖެހުމާއި ހަމައަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.