މިހާރު އިންގްލަންޑުގައި ކުރިއަށްދާ ޓީ20 ސީރީޒްގެ ފުރަތަމަ މެޗުގައި 28 ލަނޑުގެ ތަފާތަކުން އޮސްޓްރޭލިއާ އަތުން ބަލިވެއްޖެއެވެ.
ސައުތެމްޓަންގެ ޔުޓިލިޓާ ބައުލްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ.
އޮސްޓްރޭލިއާ އިން ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޓްރޭވިސް ހެޑް ވަނީ 23 ބޯޅައިން 59 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މެތިއު ޝޯޓް 26 ބޯޅައިން 41 ލަނޑުހެދިއެވެ.
މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ލިއާމް ލިވިންގސްޓޯން އެވެ. އޭނާ ވަނީ ތިން އޯވަރުގެ ތެރޭގައި 22 ލަނޑަށް ތިން ވިކެޓްނަގައިފައެވެ.
ޖަވާބުގައި ކުޅެން ނިކުމެ 19.2 އޯވަރުގެ ތެރޭގައި އިންގްލެންޑުގެ ހުރިހާ ކުޅުންތެރިން ނުބައިވީ 151 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ލިވިންގސްޓޯން 27 ބޯޅައިން 37 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން އަދި ވިކެޓްކީޕަރު ބެޓްސްމަން ފިލް ސޯލްޓް ވަނީ 20 ލަނޑުހަދައިފައެވެ.
އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ޝޯން އެބޮޓް ތިން ވިކެޓްނެގިއިރު، އެޑަމް ޒަމްޕާ އާއި ޖޯޝް ހޭޒަލްވުޑް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ޓީ20 ސީރީޒްގެ ދެވަނަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ކާޑިފްގަ އެވެ. އެއަށްފަހު، މި ސީރީޒްގެ ފަހު މެޗު އޯލްޑް ޓްރެފޯޑްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.