މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް ކަމަށްވާ 661.8 މިލިއަން ޕައުންޑް ލިބިފައިވާއިރު، ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 113.2 މިލިއަން ޕައުންޑަށް އަރާ ކަމަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެކުރީ އަހަރުތަކުގައި މާލީގޮތުން ޔުނައިޓެޑަށް ލިބުނު ގެއްލުމަށް ބަލާއިރު، 2022-23 ވަނަ އަހަރުގައި 28.7 މިލިއަން ޕައުންޑް (37.5 މިލިއަން އެމެރިކާ ޑޮލަރު)، އަދި 2021-22 ވަނަ އަހަރުގައި 115.5 މިލިއަން ޕައުންޑް (151 މިލިއަން އެމެރިކާ ޑޮލަރު)ގެ އިތުރުން 2020-21 ވަނަ އަހަރުގައި 92.2 މިލިއަން ޕައުންޑް (120.5 މިލިއަން އެމެރިކާ ޑޮލަރު) އެވެ.
މިއަހަރު އިނގިރޭސިވިލާތުގެ ބިލިއަނަރު، ޖިމް ރެޓްކްލިފްގެ ފަރާތުން ޔުނައިޓެޑްގެ ބައެއް ގަނެފައިވާއިރު، އެ ކްލަބަށް މާލީގޮތުން ނިމިދިޔަ އަހަރުގައި ގެއްލުން ކުރިމަތިވީ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް ކުރި ހަރަދު އިތުރުވުމުން ކަމަށެވެ.
އެންމެ ފަހުގެ މާލީ ހިސާބުތަކުގައި ހިމެނެނީ، 47.8 މިލިއަން ޕައުންޑް (62.4 މިލިއަން ޑޮލަރު) ގެ ޚަރަދުތަކެކެވެ. މިއީ މައިގަނޑު ގޮތެއްގައި ރެޓްކްލިފްގެ އިންވެސްޓްމަންޓާ ގުޅުންހުރި ޚަރަދުތަކެކެވެ.
ނިމިދިޔަ މާލީ އަހަރުގައި ޔުނައިޓެޑަށް ގެއްލުން ލިބުނު ނަމަވެސް، އެ ކްލަބުން ބުނީ، ލީގުގެ އަދި ޔުއެފާގެ މާލީ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ. ޕީއެސްއާރު ގުޅެނީ ހަމައެކަނި ސާފު ގެއްލުމާ ނޫނެވެ. އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތަކަށް ކުރާ ޚަރަދުތަކަށް އިސްތިސްނާ ދެވެއެވެ.
އެގޮތުން، ލީގުގެ ފައިދާއާއި ދެމެހެއްޓެނިވި ގަވާއިދުތަކުން (ޕީއެސްއާރު) ހުއްދަދެނީ ކުލަބުތަކަށް ތިން އަހަރުގެ މުއްދަތެއްގައި ގިނަވެގެން 105 މިލިއަން ޕައުންޑް (137 މިލިއަން ޑޮލަރު) ގެ ގެއްލުމެއް ލިބުމަށެވެ. މި ގަވާއިދުތަކާ ޚިލާފުވެއްޖެނަމަ އަދަބު ދެވޭނެއެވެ. މިދިޔަ ސީޒަންގައި އެވަޓަން އާއި ނޮޓިންގަމް ފޮރެސްޓަށް މި ގަވާއިދުތަކާ ޚިލާފުވުމުން ޕޮއިންޓް އުނިކުރުމުގެ އަދަބު ދީފައިވެއެވެ.
ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މިހާރު ހުރި، ރެޓްކްލިފްގެ 1.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް 27.7 އިންސައްތައިގެ ހިއްސާއަކަށް ލިބުމާ ގުޅިގެން އެ ކްލަބުން ވަނީ ފުޅާ ރީސްޓްރަކްޗަރިންގ ޕްރޮގްރާމެއް ފަށައިފައެވެ.
ޔުނައިޓެޑްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އައު ޗީފް އެގްޒެކެޓިވްގެ މަގާމަށް ކުރީން މެންޗެސްޓާ ސިޓީގައި މަސައްކަތްކުރި އޮމަރް ބެރާޑާ ވަނީ ގެނެސްފައެވެ. މިއާއެކު، އެ ކްލަބުން ކުރަމުން އަންނަ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ތަންފީޒުކޮށްފައެވެ. އޭގެ ތެރޭގައި، 250 މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހިމެނޭ ކަމަށް އެ ކުލަބުން ބުނެފައިވެއެވެ.
"އަހަރެމެން މަސައްކަތްކުރަނީ، ހިންގުން ހަރުދަނާކުރުމަށް ބަދަލުތަކެއް ގެނެސް މާލީގޮތުން ކުރާ ހޭދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް. އަދި، ދަނޑުމަތީގައި ޕާފޯމަންސް ރަނގަޅުކުރުމަށް ލިބެންހުރި ވަޞީލަތްތައް ފުރިހަމަގޮތުގައި ބޭނުންކުރެވެމުންދާކަން ޔަގީންކުރުމަށް." ބެރާޑާ ބުންޏެވެ.