ޚަބަރު

ހއ. ހޯރަފުށީ އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިފި


ހއ. ހޯރަފުށީގައި ޢިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ.

ހޯރަފުށީގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަންގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ހޯރަފުށީގައި ޕޮލިސް ސްޓޭޝަންގެ އާ ޢިމާރާތެއް އެޅިގެން މިދަނީ އެ ސަރަޢްހަދުގައި ތަރައްޤީގެ ބޮޑު މަޝްރޫޢުތަކެއް ފަށަން ތައްޔާރުވަމުންދާ ދުވަސްވަރެއްގައި ކަމަށާއި އަދި ޒުވާނުންނަށް އިތުރު ފުރުޞަތު ތަކެއް ތަނަވަސް ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމު ގެންދަވާ ދުވަސްވަރެއްގައި ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ހޯރަފުށީގައި އެޅުއްވުމަށް ހަމަޖެހިފައިވަނީ ޑިވިޜަން ފެންވަރުގެ ސްޓޭޝަނެއް ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވީ ތަރައްޤީގެ މަޝްރޫޢުތަކާއެކު އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭތީ ކަމަށް ޢަރީފް ވިދާޅުވިއެވެ.

19 މިލިޔަން ރުފިޔާގެ މި މަޝްރޫޢު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މަސައްކަތް ހަވާލުކުރައްވާފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.

އަލަށް އިމާރާތްކުރައްވާ މި ޕޮލިސް ސްޓޭޝަންގައި ދެ ބުރީގެ އޮފީސް އިމާރާތަކާއި ތިން ބުރީގެ އެކޮމޮޑޭޝަން އިމާރާތެއްގެ އިތުރުން ކުށްވެރިން ބަންދުކުރާނެ އިންތިޒާމްތަކާއި ވެހިކަލް ޕާކްކުރާނެ ޝެޑެއް ހިމެނެއެވެ.