ކުޅިވަރު

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ކިރްގިސްތާނަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލް މެޗުގައި ރާއްޖެ ބަލިކޮށް، ކިރްގިސްތާން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހަތަރު ގައުމެއް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދާފައިވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ސެޓުގައި ކުޅުނު ރަނގަޅުކޮށް، ވާދަވެރި ކުޅުމަކަށްފަހު 26-24 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ބައެއް ގޯސްތައް ހެދުނުއިރު، ކިރްގިސްތާނުން ވަނީ މި ސެޓު 25-18 އިން ގެންގޮސްފައެވެ. މި މެޗުގެ ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، ކިރްގިސްތާނުން މި ސެޓު ގެންދިޔައީ 15-9 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމު ރާއްޖޭގެ ފާތިމަތު ޖޫޒާން ޒަރީރް ހޯދިއިރު، އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކީ އާމިނަތު ޝަހާ ޝާމިންއެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވިއިރު، މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައިވެސް ރާއްޖެ ވަނީ ވާދަކޮށްފައެވެ. އަދި އެ ފަހަރުގެ ފައިނަލުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ ތަޖިކިސްތާނުންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ތިން ސެޓު އެއް ސެޓުން އަފްޣާނިސްތާން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-18 އަދި 25-18 އިން ތަޖިކިސްތާނުން ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފައިވަނީ އަފްޣާނުންނެވެ. އެކަމަކު ތަޖިކިސްތާނުން ވަނީ ހަތަރުވަނަ ސެޓު 25-18 އިން ކާމިޔާބުކޮށް، ލޯ މެޑަލް ހާސިލުކޮށްފައެވެ.