ޚަބަރު

ދުންފަތުގެ އުފެއްދުންތަކުގައި އިންޒާރުގެ ތަސްވީރު ހަރުކުރަނީ


ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ކައިރި މުސްތަޤުބަލެއްގައި ދިވެހި ސަރުކާރުންވެސް ދުންފަތުގެ އުފެއްދުންތަކުގައި މަންޒަރު ނުވަތަ ތަސްވީރު ހިމެނޭ އިންޒާރު ތަޢާރަފް ކުރައްވާނެކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 31 ވަނަ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ޑަބްލިއު.އެޗް.އޯ އިން އިސްނަގައިގެން ފާހަގަ ކުރުމުގެ މަޤްޞަދަކީ ދުންފަތުގެ ވަބާއިން އިންސާނުންނަށް ލިބެމުންދާ ޞިއްޙީ، މާލީ އަދި އިޤްތިޞާދީ ގެއްލުން ތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، މި ވަބާއިން ރައްކާތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދޭދޭ ޤައުމުތަކުގެ ސަރުކާރުތަކާ، މަދަނީ ޖަމްޢިއްޔާތަކާ އަދި އާއްމު ރައްޔިތުން ދޭ އަހައްމިއްޔަތުކަމާ، އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމެވެ. ދުވަހާ ގުޅިގެން ޑަބްލިޔު.އެޗް.އޯ އިން މިއަހަރަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ގެޓް ރެޑީ ފޯރ ޕްލޭން ޕެކޭޖިންގ" ނުވަތަ "ދުންފަތް ހިމެނޭ ތަކެތި ބަންދު ކުރުމުގައި ދުންފަތް އިޝްތިހާރު ނުވާގޮތް ޚިޔާރު ކުރަމާ" މި ޝިޢާރެވެ.

img:http://s4.psmnews.mv/images/660x400/14647070246314.jpg|ދުންފަތުން ލިބޭ ގެއްލުންތައް ދައްކުވައިދޭ ތަސްވީރު ހިމެނޭ ފޮށިތަކެއް

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ދެއްވި ޚިތާބުގައި ވަނީ މިއަހަރުގެ ޝިއާރަށް އަލިއަޅުވާ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، ދުންފަތުގެ ޞިނާޢަތުން ދުންފަތް އިޝްތިހާރުކޮށް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.ދުންފަތުގެ ޞިނާޢަތުގެ އިޝްތިހާރު ބޯޑެއްގެ ގޮތުގައި ދުންފަތުގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓްތަކުގެ ބޭރު ކަވަރު ބޭނުން ކުރާކަމަށާއި، މިކަން ޙައްލު ކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ "ޕްލެއިން ޕެކޭޖިންގ" ތަޢާރަފު ކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޕްލެއިން ޕެކޭޖިންގ ތަޢާރަފު ކުރެވިއްޖެނަމަ ދުންފަތުގެ ބާވަތްތައް ފެނުމުން އެތަކެއްޗަށް ދެވޭ ޝައުޤުވެރިކަން ކުޑަވެ، އަލަށް ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ޒުވާނުންގެ އަދަދު މަދުވެ އަދި ޞިއްޙަތުގެ އިންޒާރުގެ މެސެޖުތަކުގެ ފާޅުކަން އިތުރުވެ ފޮޓޯ ނުވަތަ ތަޞްވީރުގެ ޒަރީޢާއިން ދުންފަތުގެ ނުރައްކާތެރިކަން ހާމަކޮށް ދީގެން މިކަމަށް ޙައްލެއް ގެނެވިދާނެކަމަށް ޤަބޫލްފުޅު ކުރައްވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14600354520459.jpg|ހެލްތް މިނިސްޓަރ އިރުތިޝާމް ޢާދަމް / ފޮޓޯ: ޕީ.އެސް.އެމް

ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ފުރަތަމަ ޖަހަން ފެށީ ވަރަށް އާދައިގެ ގޮތަކަށްކަން ފާހަގަކުރައްވަމުން މިނިސްޓަރަ ވިދާޅުވީ، މިހާރު ދިވެހި ސަރުކާރުންވެސް މަންޒަރު ނުވަތަ ތަސްވީރު ހިމެނޭ ޞިއްޙަތުގެ އިންޒާރު ތަޢާރަފު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުން ކުރާ ބާވަތްތަކުގެ ތެރެއަށް ފަހަކަށް އައިސް ޒަމާނީ ގުޑުގުޑާ ނުވަތަ ޝީޝާ ތައާރަފްވަމުންދާކަމަށާއި، ޝީޝާ ބޭނުންކުރާ ފަރާތްތަކުން ތަފާތު ރަހަތަކާއި ކުލަކުލަ ހިމެނޭ ދުންފަތް ރާއްޖެއަށް ތަޢާރަފު ކުރަމުންދާކަމީ ހިތާމެވެރިކަމެއްކަމަށެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ ނިޞްބަތް އާބާދީގެ ސާޅީސް ހަތަރު އިންސައްތައާއި ގާތް ކުރާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން އަންދާޒާ ކުރެއެވެ. މިއީ ރާއްޖެފަދަ އާބާދީ ކުޑަ ޤައުމަކަށް ބަލާއިރު ވަރަށް މަތީ ޢަދަދެއް ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ. 

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ޢުމުރަކީ 18 އަހަރު ކަމަށް ދިރާސާ ތަކުން ދައްކާއިރު މިއީ ވިސްނަންޖެހޭ ކަމެއްކަމަށާއި، މިޢަމަލާއި ދެކޮޅަށް އަޅުގަނޑުމެން އެންމެން ވަކާލާތުކޮށްދީ، ޢަމަލީ ގޮތުން ނަމޫނާ ދައްކަވާ، ދުންފަތާ ދުރުހެލިވެ ވުމަށް ހެލްތް މިނިސްޓަރ ވަނީ އެކަމަނާގެ ޚިތާބުގައި އިލްތިމާސްކުރައްވާފައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހުރިހާ ގޮތަކުންވެސް ގެއްލުން ހުރި ކަމަކަށް ވާހިނދު، މިކަމަށް އެންމެ ބޮޑު ހެޔޮ ބަދަލެއް އަންނާނީ ފަރުދީ ފެންވަރެއްގައި މިކަމުގެ ނުރައްކަލާއި ގެއްލުން ބޮޑުކަން ވިސްނައިގެން ކޮންމެ ފަރުދަކުވެސް އަމިއްލަ ހައިސިއްޔަތުން ފިޔަވަޅު އެޅުމުންކަން ހެލްތް މިނިސްޓަރގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.