މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓީންގ ސީއޭއޭ2 އަށް ބަދަލުކޮށްފިއެވެ.
މޫޑިސްއަކީ ޤައުމުތަކުގެ މާލީ ހާލަތާއި ދަރަނި ދެއްކުމުގެ ޤާބިލްކަން ހުންނަ މިންވަރާއި ގުޅޭގޮތުން ރިޕޯޓްތައް ނެރޭ އަމިއްލަ ބައެކެވެ.
މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލުކުރި ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އިތުރުވުންކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވުމަކީވެސް މޫޑިސްގެ ރޭޓިންގ ބަދަލުކުރި ސަަބަބެކެވެ.
މޫޑިސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސަރުކާރުން މިހާރުވެސް އެކަންކަމާއި ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާ ކަންތައްތަކެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ ފިޔަވަޅުތަކާއެކު ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަންވެސް މާލީ ހިސާބުތަކުން ދަނީ ފެންނަމުންނެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް މަރުކަޒީ ބޭންކުންވެސް ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާަވަށްވެސް ކުރިއެރުން އަންނަމުންނެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ. މީގެ އިތުރުންވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.