މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލުގައި ވާދަކުރާ ދިވެހި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައި ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
މިރޭ އޮންނަ ކާވާ ވިމެންސްގެ ފައިނަލްގައި ވާދަކުރަނީ ރާއްޖެއާއި ކިރްގިސްތާނެވެ.
ދިވެހި ޓީމަށް ހިތްވަރު ދެއްވާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ޤައުމީ ޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
— Dr Mohamed Muizzu (@MMuizzu) September 11, 2024
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރެއެވެ. އެ ގައުމުތަކަކީ ދިވެހިރާއްޖެ އާއި ކިރްގިސްތާނާއި، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.
މުބާރާތުގެ ފައިނަލުގެ ޖާގައެއް ރާއްޖެއިން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ތަޖިކިސްތާން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައިވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ރާއްޖެ ވަނީ ބަލިވެފައެވެ.
ފައިނަލް މެޗުގައި ރާއްޖެއާއި ކިރްގިސްތާން ވާދަކުރާއިރު، ލީގު ބުރުގައި ރާއްޖެ ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެކަމަކު އެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.