ވިޔަފާރި

މޯލްޑިވް ގޭހުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި !


މޯލްޑިވް ގޭސް އިން ވިއްކަމުންދާ 10 ކިލޯގެ ކައްކާ ގޭސްފުޅީގެ އަގު 200 ރުފިޔާއަށް ކުޑަ ކުރުމަށް މޯލްޑިވް ގޭސްއިން ނިންމައިފިއެވެ. މިއީ މިއަހަރުތެރޭގައި 10 ކިލޯގެ ގޭސް ފުޅީގެ އަގު ކުޑަކުރަން އެކުންފުނިން ނިންމި ދެވަނަ ފަހަރެވެ. މޯލްޑިވްސް ގޭސް އިން ވަނީ މިއަހަރުގެ އޭޕްރީލްމަހުވެސް 10 ކިލޯގެ ގޭސް ފުޅީގެ އަގުން 15 ރުފިޔާ ކުޑަކޮށްފައެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ މައުމޫން ވިދާޅުވީ 210 ރުފިޔާއަށް ވިއްކަމުން އައި 10 ކިލޯގެ ގޭސްފުޅި މާދަމައިން ފެށިގެން ވިއްކާނީ 200 ރުފިޔާއަށް ކަމަށެވެ. އަބްދުﷲ މައުމޫން ވިދާޅުވީ އަތޮޅުތެރެއަށް ގޭސް ސަޕްލައިކޮށްދޭ ފަރާތްތަކުންވެސް ގޭސް ވިއްކަނީ މިއަގުގައި ތޯ ޗެކު ކުރަމުންދާނެ ކަމަށެވެ.

ކުރިއަށްއޮތް ރޯދަމަހު މޯލްޑިވް ގޭހުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގޭސް ޑެލިވަރީ ކޮށްދޭ ގަޑިތައްވެސް އެކުންފުނިން މިއަދު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ގޭސް ޑެލިވަރީކޮށްދޭއިރު، ހުކުރުދުވަހު ޑެލިވަރީކޮށްދޭނީ މެންދުރު ފަހު 1:30 އިން ހަވީރު 4:00 އަށްކަމަށް މޯލްޑިވްސް ގޭސްއިން ހާމަކުރައްވައެވެ. އަދި ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 8:00 އިން 11:00 އަށްވެސް ޑެލިވަރީކޮށްދޭނެކަމަށް އެކުންފުނިން ހާމަކުރައްވައެވެ. މީގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި ހުސް ގޭސް ފުޅި ހިފައިގެން މޯލްޑިވް ގޭސްއަށް އައުމުން، ގޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.