ޚަބަރު

ސަރުކާރުގެ ވަފުދެއް ތައިލެންޑުގެ ވޭސްޓް މެނޭޖްމަންޓް ސަޔާމް ފެސިލިޓީއަށް ޒިޔާރަތްކޮށްފި


  • މިއީ ކުނި މެނޭޖްކުރުމުގެ އެންމެ ރަނގަޅު އުސޫލުތަކާއި ގޮތްތައް ދަސްކުރުމަށް ކުރި ޒިޔާރަތެއް

ދިވެހި ސަރުކާރުގެ ވަފުދެއް ތައިލެންޑުގެ ވޭސްޓް މެނޭޖްމަންޓް ސަޔާމް ފެސިލިޓީއަށް ޒިޔާރަތްކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ވަފުދު ތައިލެންޑަށް ކުރަމުންދާ ދަތުރުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އެންމެ ރަނގަޅު އުސޫލުތަކާއި ގޮތްތައް ދަސްކުރުމެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ސަޔާމް ފެސިލިޓީގެ ހިންގުމާއި، މަސައްކަތްތައް ގާތުން ބަލައި ދިރާސާކޮށްފައިވެއެވެ. އަދި
އިލެކްޓްރޯނިކް ކުނި ރީސައިކަލްކުރުމުގައި މި ފެސިލިޓީން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އުކުޅުތަކަށް ވަފުދުންވަނީ އަހުލުވެރިވެފައެވެ. އަދި މި ދާއިރާގައި ތައިލެންޑުން ހޯދަމުންދާ ކުރިއެރުންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިދަތުރުން ލިބުނު މަޢުލޫމާތު ބޭނުންކުރެވޭނެކަމަށެވެ. ޚާއްޞަކޮށް އިލެކްޓްރޯނިކް ކުނި ނައްތާލުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިތަޖުރިބާގެ ބޭނުންކުރާނެ ކަމަށް އުންމީދުކުރާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ވަފުދުގެ މިދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ތިމާވެއްޓާއި
ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.