އެމެރިކާގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.
ޕޮޗެޓީނޯ އެމެރިކާގެ ކޯޗަކަށް މިއަދު ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި ގްރެގް ބަރހޯލްޓަރ މަގާމުން ވަކިކުރުމަށްފަހުގަ އެވެ. އޭނާ އެމެރިކާގެ ކޯޗު ކަމުން ވަކިކޮށްފައިވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެމެރިކާ ކެޓުމާއި ގުޅިގެންނެވެ.
ޕޮޗެޓީނޯ މި މަގާމަށް ހަމަޖައްސާފައިވާކަން އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއުލާން ކޮށްފައި މިވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ނިއު ޒިލޭންޑާއި ދެކޮޅަށް އެމެރިކާގައި މެޗެއް ކުޅެން ހަމަޖެހިފައިވަނިކޮށެވެ.
އެމެރިކާގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ޕޮޗެޓީނޯ ބުނެފައިވަނީ މިއީ އޭނާއަށް ދޫކޮށްލަން ފަސޭހަ ހުށައެޅުމެއް ނޫން ކަމަށާއި މިކަމަށް އެއްބަސްވީ އެމެރިކާގެ ފުޓްބޯޅަ މިހާރު އޮތް ހާލަތާއި އަދި ކުރިއަށް އޮތް ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.
ޕޮޗެޓީނޯގެ ކޯޗިން ހަޔާތުގައި ސްޕޭނުގެ އެސްޕަނިއޯގައި ހުރުމަށްފަހު އޭނާ ވަނީ ޕްރިމިއާ ލީގުގެ ސައުތެމްޓަން އާއި ގުޅިފައެވެ. އަދި އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕަރ އަށް ކޯޗުކޮށްދީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. އޭގެ ފަހުން ޕޮޗެޓީނޯ ވަނީ ފްރާންސްގެ ޕީއެސްޖީ އާއި ޗެލްސީއަށް ކޯޗުކޮށްދީފަ އެވެ.
2026 ވަނަ އަހަރުގެ ވޯލްޑްކަޕް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާއިން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާއިރު, މި މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށް އެމެރިކާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.