ޚަބަރު

"މާބުލް ޖެހުމުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިންމާލެވޭނެ"


އިސްލާމީ މަރުކަޒުގެ ބޭރުގައި މާބުލް ޖެހުމުގެ މަސައްކަތް ނިންމާ، ކުރިޔަށް އޮތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެތަން ބޭނުންކުރަން ފެށޭވަރު ވާނެކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މީޑިޔާއަށް މަޢުލޫމާތުދެއްވަމުންނެވެ. އިސްލާމީ މަރުކަޒުގެ ގޯތިތެރެއާ ގޯތިން ބޭރުގައި މާބުލް ޖެހުމުގެ މަސައްކަތަކީ މިސްކިތަށް ނަމާދަށް އަންނަ ފަރާތްތަކުގެ ލުއިފަސޭހައަކަށް ނަމާދުކުރާ ސަރަހައްދު ބޮޑުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތެކެވެ.

އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިޔަށްގެންދަވާއިރު މިމަސައްކަތަށް ބޭނުންވާ މާބުލް ވަނީ ޗައިނާ ސަރުކާރުން ހިލޭ ދެއްވާފައެވެ. އަދި މަސައްކަތުގެ އަގަށް ހޭދަވަނީ 3 މިލިޔަނެއްހާ ރުފިޔާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން 4200 އަކަފޫޓެއްހާ ސަރަހައްދުގައި މާބުލް ޖަހާއިރު، މިހާރު މިމަސައްކަތުގެ ބޮޑުބައިވަނީ ނިމިފައެވެ.

މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ނިމުމުން ރަމްޟާން މަހު މިސްކިތުގެ ބޭރުގައި އަޅުކަންކުރުމުގެ މަގުފަހިވުމުގެ އިތުރުން ދީނީ ބައެއް ޕްރޮގްރާމްތައްވެސް މިސްކިތުގެ ބޭރުގައި ހިންގުމަށްވެސް މަގުފަހިވެގެންދާނެކަމަށެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރެއާ ގޯތިތެރެއިން ބޭރުގެވެސް ބޮޑު ސަރަހައްދެއްގައި މާބުލް ޖަހާއިރު މިސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޭނުންކުރާނީ މައްކާގެ ހަރަމްފުޅުގައި ބޭނުންކުރާ ފަދަ މެޝިންތަކެއްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން މިމިސްކިތް ފެންނަގޮތް ރީތިވެ މިސްކިތުގެ ހައިބަތުވެސް އިތުރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.