ގައުމީ ޓީމަށް ހެރީ ކޭން ކުޅުނު 100 ވަނަ މެޗުގައި ރޭ ފިންލަންޑް އަތުން 2-0 ގެ ނަތީޖާއަކުން އިނގިރޭސިން މޮޅުވެއްޖެއެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ކޭންއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އިނގިރޭސިން ވަނީ ގްރޫޕް ދޭއްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފަ އެވެ. މި ގްރޫޕްގައި ރޭ ރިޕްބަލިކް އޮފް އަޔަލޭންޑާޢި ދެކޮޅަށް ގްރީސް ކުޅުނު މެޗު, ގްރީސް އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ގްރީސް ވެސް ވަނީ ގްރޫޕްގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފަ އެވެ. އަދި ގްރޫޕުގެ އެއްވަނަ ގްރީސް އަށް ލިބެނީ ފައިދާ ގޯލުގެ ތަފާތުންންވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިން ވަނީ ކޭންގެ 100 ވަނަ މެޗު ފާހަގަ ކުރުމުގެ ގޮތުން އޭނާއަށް ރަން ކުލައިގެ ތޮތްޕެއް ހަދިޔާ ކޮށްފައެވެ. އަދި މި މެޗުގައި އޭނާ ބޭނުންކޮށްފައިވަނީ މި މެޗަށް ހާއްސަކޮށްގެން ރަން ކުލައިގެ ބޫޓެކެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އިނގިރޭސިންނަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނަ އިރުތަކެއް ނުވަނީސް, 57 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ 19 މިނިޓް ފަހުން ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްފަ އެވެ.
މި މެޗުގައި ހެރީ ކޭން ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 68 ލަނޑު ޖަހައިދީފަ އެވެ. އަދި މިއީ ވޭން ރޫނީ އާއި ބޮބީ ޗާލްޓަން އަށް ފަހު އިނގިރޭސި ގައުމީ ޓީމަށް 100 މެޗު ހަމަކުރި މެޗުގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާ އެވެ.
މި ތާރީޚީ މެޗަށްފަހު ކޭން ބުނެފައިވަނީ ލޯނެއްގެ ދަށުން މިލްވޯލް, ނޯވިޗް އަދި ލެސްޓާއަށް ކުޅުނުއިރު, ގައުމީ ޓީމަށް 100 މެޗު ކުޅެވިދާނެކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ.
ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, ޗެކް ރިޕަބްލިކް ވަނީ 3-2 ގެ ނަތީޖާއަކުން ޔުކްރޭން ބަލިކޮށްފައެވެ.