ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ނެދަލަންޑްސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ނެދަލޭންޑްސްގެ ޔޮހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗަށް ދެ ޓީމު ނިކުތްއިރު, މި މުބާރާތުގެ ފުރަތަމަ މެޗު ދެ ޓީމުންވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެގޮތުން ޖަރުމަނުން ފުރަތަމަ މެޗު 5-0 އިން ހަންގޭރީ ބަލިކުރުއިރު, ނެދަލޭންޑްސް އިން ވަނީ 5-2 އިން ބޮސްނިއާ ބަލިކޮށްފަ އެވެ.
މި މެޗު ފަށައިގެން ދެވަނަ މިނިޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތިޖާނީ ރެއިންޑާސް އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 38 ވަނަ މިނިޓުގައި ޖަރުމަނުގެ ޑެނިސް އުންޑާވް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކިމިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މި މެޗުގައި ޖަރުމަނަށް ލީޑު ނަގައިދީފަ އެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ލީގު އޭގެ ގްރޫޕް ތިނެއްގައި މި ދެ ޓީމު ކުޅުނު ދެ މެޗުން ކޮންމެ ޓީމަކަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕުގެ އެއްވަނަ މަގާމު ޖަރުމަނަށް ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ބޮސްނިއާ އާއި ހަންގޭރީ ރޭ ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.